އިންޑިޔާއަށް ގެންގޮސް ޔަތީމް ހާނާއަކަށް ލުމުން ރާއްޖެ އަނބުރާ ނާދެވިފައި ތިބި އއ. އުކުޅަހުގެ ތިން ކުދިންގެ ތެރެއިން ބާކީ ތިބި ދެ ކުދިންވެސް ރާއްޖެ ގެނެސްފި އެވެ.

އުކުޅަހު ފިރިހެނަކު އިންޑިޔާގެ އަންހެނަކާ ކައިވެނި ކޮށްގެން ލިބުނު ތިން ދަރިން ގޮވައިގެން އިންޑިއާގެ އެ އަންހެން މީހާ އިންޑިޔާއަށް ފުރީ 2013 ވަނަ އަހަރު އެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި އެކުދިން ޔަތީމު ހާނާއަށް ލީވެސް އެ އަންހެން މީހާއެވެ.

އެކުދިން އެކުދިންގެ ބައްޕައާއި ހަވާލު ކުރުމަށް އެ އަންހެން މީހާ ވަނީ ދެކޮޅު ހަދާފައެވެ. އެދެކުދިން ރާއްޖެއަށް ގެންނަން އެކުދިންގެ ބައްޕަ މީގެ ކުރިން މަސައްކަތް ކުރި ނަމަވެސް އެކުދިންގެ މަންމަ އެކަމަށް ހުއްދަ ނުދިނުމުން އެކަން ވަނީ ނާކާމިޔާބުވެފައެވެ.

ނަމަވެސް ތިން ކުދިންގެ ތެރެއިން އެންމެ ދޮށީ އަންހެން ކުއްޖާ މިދިޔަ އަހަރުގެ އެޕްރީލް މަހު ވަނީ ރާއްޖެ ގެނެސްފައެވެ. އުމުރުން 12 އަހަރުުގެ އެ ކުއްޖާ ރާއްޖެ ގެނެސްފައިވަނީ އަމިއްލަ އަށް ބޭނުން ވެގެން ނެވެ.

ބާކީ ތިބި އުމުރުން 7 އަހަރާއި 10 އަހަރުގެ ދެ އަންހެން ކުދިން ރާއްޖެ ގެނެސްފައިވަނީ އެކުދިންގެ މަންމައާއެކު މިދިޔަ އާދިއްތަ ދުވަހު އެވެ.

އެ ތިން ކުދިންގެ ވާހަކަ ދިވެހިންނަށް އެނގިގެން ދިޔައީ ރާއްޖެ ޓީވީއިން ގެނެސްދިން "ހިތްދަތި އާދޭސް" ޑޮކިއުމެންޓްރީގައި އެކުދިންގެ މައުލޫމާތު ގެނެސްދިނުމުންނެވެ. އެ ޑޮކިއުމެންޓްްރީގައި ތިން ކުދިންވެސް ބުނެފައި ވަނީ އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ކަމަށެވެ.

ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން އެ މައްސަލަ ބަލައި އެ ކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ފެށީ އެ ޑޮކިއުމެންޓްރީ ދެއްކުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު