އިސްލާމް ދީން މަތީގައި އޮވެގެން ނޫނީ މި ރާއްޖެއަށް ހަމަޖެހުމެއް ނާންނާނެކަމަށް ޕީޕީއެމްގެ ސްޕޯކްސްޕާސަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

"ރުމާލު-2" ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ އާރިފް ވިދާޅުވީ، އިސްލާމް ދީންކަންމަތީ މި ގައުމު އޮވެގެން މެނުވީ މި ގައުމަށް އެންމެ ބޭނުންވާ ހިތްހަމަޖެހުމެއް އަދި ތަރައްގީއެއް ލިބިގެން ނުދާނެ ކަމަށެވެ.

"މިއަދު ރައީސް ޔާމީންގެ ބުރަ މިންނެތް މަސައްކަތްފުޅުން އެމަނިކުފާނު މި ރާއްޖެ ދުވަހަކު ނުދެވޭ މެޓީރިއަލް ތަރައްގީ ގެނެސްދެއްވައިފި. އެމަނިކުފާނު އެ ކުރައްވާ އަނެއް މަސައްކަތްޕުޅު އެ އުޅުއްވަނީ މުޅިއަކުން ކާމިޔާބު ނުވެގެން". އަލީ އާރިފް ވިދާޅުވިއެވެ.

އަލީ އާރިފް ވިދާޅުވީ، ރައީސް ޔާމީނަށް ކާމިޔާބު ނުކުރެވިގެން އުޅުއްވަނީ މި ގައުމަކީ އަމާން އޮމާން ތަނަކަށް ހައްދަވަން ކުރައްވާ މަސައްކަތް ކަމަށެވެ.

"މިދިޔަ 10 އަހަރު ތެރޭގައި އެއްވެސް މީހަކު މި ރާއްޖޭގެ މިނިވަންކަމަށް މި ވަނީ ކީހެއްޔޭ މި ރާއްޖެއަށް ވެދާނީ ކިހިނެއްހެއްޔޭ. މި ރާއްޖޭގައި މާތްވެގެންވާ އިސްލާމް ދީން ނޫން ދީނެއް އަތުވެއްޖެޔާ ވާނީ ކިހިނެއްހެއްޔޭ. މި ރާއްޖެއަށް ބޭރުގެ ނުފޫޒް މިވެނި ގޮތަކުން އެވެނި ގޮތަކުން ވަދެޖެއްޔާ ވާނީ ކިހިނެއްތާ ސުވާލުކޮށްލާނެ މީހަކު ހިތާޔަކާއެކު ދަންނަވާލަން ޖެހެނީ ނެތޭ". އަލީ އާރިފް ވިދާޅުވިއެވެ.

އަލީ އާރިފް ވިދާޅުވީ، ރާއްޖެއަށް އިންފްރާސްޓުރަކްޗާ ބޭނުންވާ ކަމަށާއި، ނަމަވެސް މި ގައުމުގެ ހަމަޖެހުން އެއަށްވުރެ މުހިންމު ކަމަށެވެ. އަދި އެއްބަނޑު އެއްބަފާ ވަންތަކާއި، އުހުއްވަތްތެރިކަންވެސް މި ރާއްޖެއަށް ބޭނުންވާކަަމަށް އަލީ އާރިފް ވިދާޅުވިއެވެ.

އަލީ އާރިފް ވިދާޅުވީ، މި ގައުމުގެ އިމާރާތްތައް ދަނީ މައްޗަށް ކަމަށާއި، ނަމަވެސް ހިތާއި ނަފްސުދަނީ ކުދިކުދިވެ ވީރާނާވަމުން ކަމަށެވެ.

"އަ ޕީސްފުލް މޯލްޑިވްސް ދަނީ މޯލްޑިވްސް ފުލްއޮފް ޕީސަސްއަށްވަމުން"، އަލީ އާރިފް ވިދާޅުވިއެވެ.

އަލީ އާރިފް ވިދާޅުވީ، ވެރިޔަކު ގައުމަށްޓަކައިކޮށްދެއްވާ މަސައްކަތްތަކީ ގައުމަށްޓަކައި ކުރަމުން އަންނަ އިހްލާސްތެރި މަސައްކަތް ކަމަށްވާނަމަ އެކަން ބަލައިގަތުމުގެ ގާބިލްކަން ހުންނަން ޖެހޭ ކަމަށެވެ.