ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ސޯނަމް ކަޕޫރު އޭނާގެ ލޯބިވެރިޔާ އަނާންޑް އަހުޖާ އާއި ކައިވެނި ކުރާނެ ދުވަހާއި ތަން އިއުލާނުކޮށްފިއެވެ،

އުމުރުން 32 އަހަރުގެ ސޯނަމް ކަޕޫރުގެ އާއިލާއިން ބުނެފައިވަނީ ސޯނަމް އާއި އަނާންޑް ކައިވެނި ކުރާނީ މި މަހުގެ 8 ވަނަ ދުވަހުގައި ކަމަށެވެ. އަދި ކައިވެނި ކުރާނީ އިންޑިއާގެ މުމްބާއީގައި ކަމަށެވެ.

ލޯބީގެ ގޮތުން އާނަންޑް އާއި ގުޅިގެން ގިނަ ދުވަސްތަކެއް އުޅުމަށް ފަހު ސޯނަމް ކައިވެނިކުރަން ނިންމާފައިވާއިރު އޭނާގެ ކައިވެނީގެ ކަންކަން މީގެ ކުރިން ކުރިއަށް ގެންދިޔުމަށް ނިންމާފައި އޮތީ މޮންޓެއުސްގައި ހުންނަ ރިސޯޓެއްގައެވެ. ނަމަވެސް ސައުދީގެ ޕްރިންސެއް އެ ރިސޯޓް ބުކްކޮށްފައި ވުމުން ކައިވެނީގެ ކަންކަން މުމްބާއީ އަށް ބަދަލު ކުރަން ޖެހުނީ ކަމަށް ކަަޕޫރު އާއިލާއިން ބުނެއެވެ.

1990 ގެ އަހަރުތަކުގައި ބޮލީވުޑްގެ މަޝްހޫރު އެތަށް ފިލްމެއްގެ ލީޑު ރޯލުން ފެނިފައިވާ އަދި މިހާރުވެސް ބައެއް ފިލްމުތަށް ކުޅެދެމުންދާ އަނިލް ކަޕޫރުގެ ދަރިފުޅު ސޯނަމްގެ ކައިވެނީގެ ހަފްލާއަށް އަންނަނީ ބޮޑެތި ތައްޔާރީތަށް ވަމުންނެވެ.

އެގޮތުން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަށް ވަނީ ސޯނަމްގެ ކައިވެންޏަށް ދައުވަތު އަރުވާފައެވެ.

ސޯނަމް ކަޕޫރަކީ ނީރްޖާ އަދި ވީރް ދީ ވެޑިން ފަދަ މަޝްހޫރު ފިލްމުތަށް ކުޅެދީފައިވާ ބަތަލެކެވެ. އަދި މިހާރުވެސް ސޯނަމް ދަނީ 2 ފިލްމެއް ކުޅުމުގެ މަސައްކަތް ކުރަމުންނެވެ. ސޯނަމް އެންމެ ގިނައިން ކުޅެދީފައިވަނީ ލޯބީގެ ފިލްމުތަކެވެ.

މީގެ ކުރިން ސޯނަމްގެ ކައިވެނި ސްވިޒްލޭންޑްގެ ޖެނީވާގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.