ފުޓްބޯޅައިގެ އެންމެ ގަދަ އެއް ބާރު ކަމުގައިވާ ރެއަލް މެޑްރިޑުން ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް ނެރެން ނިންމައިފިއެވެ.

އަލަށް އުފައްދާފައިވާ ޕްރިމެރާ ޑިވިޝަން ޕްރޯގައި ރެއަލް މެޑްރިޑުގެ އަންހެން ޓީމު މި ސީޒަނުން ފެށިގެން ފެންނާނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރެއަލް މެޑްރިޑާއި އެންމެ ވާދަވެރި ބާސެލޯނާގެ އިތުރުން އެތްލެޓިކޯ މެޑްރިޑްގެ ވެސް އަންހެން ޓީމު އޮންނަ އިރު، ރެއަލް އިން މިކަމުގައި ބައިވެރިވުމުން އަންހެނުންގެ ފުޓްބޯޅަ އިތުރަށް ކުރިއަރައިގެން ދާނެކަމަށް ބެލެވެއެވެ.

ރެއަލްގެ އަންހެން ޓީމު ނެރުމަށްޓަކައި އެ ކްލަބުން ވަނީ އަންހެނުންގެ ލީގަށް މީގެ ދެ ސީޒަން ކުރިން ކޮލިފައިވި ކްލަބެއް ކަމުގައިވާ ކްލަބް ޑެޕްރޮވީޓޯ ޓަކޮން (ސީޑީ ޓަކޮން) ގަތުމަށް ވާން ޖެހޭ ތައްޔާރީތައް ވެފައެވެ. އެ ކްލަބަށް 500،000 ޔޫރޯ އަންނަ ހަފްތާ ތެރޭގައި ދައްކަން ރެއަލް އިން ނިންމާފައި ވީ ނަމަވެސް، މިހާރު އެ ކްލަބުގައި ތިބި ކުޅުންތެރިންނަށް ވާނެ ގޮތެއް ނޭނގެއެވެ.

އަންހެނުންގެ ލީގުގައި އެންމެ ވަރުގަދަ ކްލަބެއްގެ ގޮތުގައި މިވަގުތު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. އެ ކްލަބުން ފާއިތުވެދިޔަ 3 ސީޒަނުގައިވެސް ތަށި ކާމިޔާބު ކޮށްފައި ވާއިރު، ރެއަލް އިން ނެރޭނީ އެތްލެޓިކޯ އާއި ވާދަ ކުރެވޭ ވަރުގެ މޮޅު ޓީމެއް ކަމަށް ބެލެވެއެވެ.

ލަލީގާ އިން ވަނީ އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން ކުރިއަށް އޮތް ސީޒަނަށް 20 މިލިއަން ޔޫރޯ ހަރަދު ކުރަން ނިންމައި، މެޗުތައް ޓީވީ ނުވަތަ މީސް މީޑިއާގެ ޒަރިއްޔާ އިން ލައިވް ކުރަންވެސް ނިންމާފައިކަން ފާހަގަކޮށްލެވެއެވެ.