ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެކަން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

ޒިޔާއު ވިދާޅުވީ، ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެތަނުގެ އިދާރީ ބައިގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެއީ އެތަނުގެ މެއިންޓެނެންސްގައި މަސައްކަތް ކުރަމުންދާ ފިރިހެން މުވައްޒަފެކެވެ.

އޭނާ ކޮވިޑް-19އަށް ފައްސިވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންގުމާއެކު މިހާރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޒިޔާއު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އެ މުވައްޒަފުގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 2110 މީހުން ޕޮޒިޓިވްވެ މީގެ ތެރެއިން 1670 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.