މާފުށީ ޖަލުގެ ގައިދީން ތަކަކަށް އަނިޔާ ކުރި މައްސަލައާއި ގުޅިގެން ކަރެކްޝަންސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕު (އީއެސްޖީ) ގެ ކޮމާންޑަރަކު ސަސްޕެންޑުކޮށްފި އެވެ.

މިކަން ހާމަކޮށްފައިވަނީ، މާފުށީ ޖަލުގެ ޙާލަތު ބެލުމަށް، ޖަލަށް ޒިޔާރަތް ކުރެއްވުމަށް ފަހު، މާލެ ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަ ފުޅުގައެވެ.

" އެ ހަމަނުޖެހުންތަކުގައި ހަ ގައިދީއަކަށް ވަނީ އެކިވަރުގެ އަނިޔާ ވެފަ. ހަމަނުޖެހުން އުފެދުނީ ޖަލު ބަލަހައްޓާ އޮފިސަރަކަށް ގައިދީއަކު ހަމަލާ ދިނުމުން. ނަމަވެސް ހާލަތާއި ނުބައްދަލު ބާރު ބޭނުން ކުރި ވާހަކަ އަކީ ހަޤީޤަތާއި އެއްގޮތް ވާހަކައެއް ނޫން. ޓްރިމަރެއް ބޭނުންކޮށްގެން ގައިދީއެއް ބޯ ތުނި ކުރި ކަމުގެ މައުލޫމާތު ލިބިފައިވޭ. ކަން ފުރިހަމައަށް ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން." އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން އިތުރަށް ވިދާޅުވީ ހަމަނުޖެހުންތަކާ ގުޅިގެން މާފުށީ ޖަލުގެ ކޮމާންޑަރަކު ސަސްޕެންޑުކޮށްފައިވަނީ އެ މައްސަލައިގެ ތަޙުޤީޤު ނިމެންދެނެވެ.

މި މައްސަލަ މިހާރު ގެންދަނީ ހޯމް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ އިތުރުން ރައްޔިތުންގެ މަޖިލީހުންވެސް ބަލަމުންނެވެ. ހަމައެހެންމެ، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ކޮމެޓީ އެއްގެ ބައްދަލުވުމަކަށް، ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސްގެ އިސްވެރިން ހާޒިރު ކުރަންވެސް ވަނީ ނިންމާފައެވެ.

މިއަދު މެންދުރު ބޭއްވި ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ މިރޭ 8:30 އަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރުމަށެވެ.

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ކަންތަތަކާއި ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާފުށީ ޖަލުގައި ހާލަތާއި ނުބައްދަލު ބާރު ބޭނުންކުރި މައްސަލައާއި ބަންދުގައި ތިބި މީހުންނަށް އަނިޔާވި މައްސަލައަކީ ބަލައިގަނެވޭ ކަންކަމެއް ނޫން ކަމަށެވެ. އަދި ޖަލުގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައާއި ބަންދުގައި ތިބި މީހުންނަށް އަނިޔާވި މައްސަލަ ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާރވިސް، މި މައްސަލައާއި ގުޅިގެން ހިންގަވާ ތަހުޤީޤު ނިމުމުން އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގައްބެ

    ތިގޮތަށް ސަސްބެންޑުކުރި މަހުލޫފްވެސް ފުލް މުސާރަޔާ އެކު

    5
    1
  2. އަހުން

    ހާލަތާ ނުބައްދަލު ބާރުގެބޭނުން ކޮށްގެން މަޖިލީހަށް ހާޒިރުކުރަނީ އޮޅުވާލުމުގެ ނިޔަތުގައި ކޮބާތޯމިސަރުކާރުން އައިިޖީ އެމް އެޗުގައި ހާލަތާނުބައްދަލު ބާރުގެބޭނުން ކޮށް ހޮސްޕިޓަލަށް ކަރުނަގޭސް ޖެހިމައްސަލަ ހޮސްޕިޓަލުގައި އެވަގުތު ތިބީ ޖަނަވާރުންތޯ ނޫނީ އޭލިއަނުންތޯ.......މިމަށްސަލަ ބަލާފަ އެހެން މައްސަލައެއް ބަލަންޖެހޭނީ މިއަދުމިއޮތީ އެއްބަނޑު އެއްބަފާ ދެމައްސަލަ ފެންމަތިވެފަ.

  3. ށުމަން

    ރައްޔިތުންނޭ ހޭއަރާ.
    ސަންސްޕެންޑް އަކީ މިހާރު ޕޭލީވަށް ކިޔާ ނަމެއް.
    މީ ރާވައިގެން ރޭވިގެން ހިންގާ ޖަރީމާ ތަކެއް....
    ޢިމުރާނު މެން ސްޕްރީމް ކޯޓް އަށް މަޖްލިސް އަތްބޭނި ބޭނުން ފޯކަސް ގެއްލުވާލަން ކުރި ކަމެއް.
    ސޯލިހު މިކިޔަނީ ކީކޭ ކަމެއްވެސް ނޭގޭ. ޥާނުވާ.

    .