ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އިންޑިއާއަށް މިރޭ ފުރާވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ޗީފް އޮފް ޑިފެންސް ފޯސް އަށް އަލްވަދާއު ވިދާޅުވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާ ޖެނެރަލް އޮފިސަރުންނެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅަކީ އިންޑިޔަން ނޭވީ އިން އިންތިޒާމްކުރައްވައިގެން މިމަހުގެ 13 އިން 14 އަށް އިންޑިޔާގެ ކޮޗީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިޔަން އޯޝަން ނޭވަލް ސިމްޕޯސިއަމް (އަޔަންސް) ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝިޔާމް އިންޑިއާއަށް ފުރައިވަޑައިގެންނެވި އިރު އަންނަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން މޭޖަރ ޖެނެރަލް ޝިޔާމް ވަކިކުރާނެ ކަމަށް ބެލެވެއެވެ. މޭޖަރ ޖެނެރަލް ޝިޔާމް އަކީ ސިފައިންނާއި ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެއްސި ފަހުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އެންމެ ދިގު މުއްދަތެއް ވަންދެން ފުރުއްވި ބޭފުޅާއެވެ. ރައީސް ވަހީދުގެ ވެރިކަމުން ފެށިގެން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވީ މޭޖަރ ޖެނެރަލް ޝިޔާމް އެވެ.