އެމެރިކާގެ ހޮސްޕިޓަލެއްގެ ނުވަ ނަރުހަކު އެއް ފަހަރާ ބަލިވެ އިން ޚަބަރެއް މީގެ ދުވަސްކޮޅެއް ކުރިން މީޑިއާތަކުން ވަނީ ގެނެސްދީފައެވެ. މިފަހަރު މިއޮތީ އެމެރިކާގެ އެހެން ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ 15 ނަރުހަކު އެއް ފަހަރާ ބަލިވެ އިނދެފައެވެ.

މިފަހަރު ވެސް ބަލިވެ އިން ނަރުހުންނަކީ މާބަނޑު އަންހެނުންނާއި ކުޑަކުދިންނާއި، އަލަށް މައިންނަށްވާ މީހުންނަށް ފަރުވާ ދިނުމުގައި ބައިވެރިވާ ނަރުހުންނެވެ.

ލޯންގް އައިލެންޑްގެ ވިންތްރޮޕް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ނަރުހުން ބަލިވެ އިނުމުން އެހޮސްޕިޓަލުން މިހާރު ދަނީ އެމީހުން ވިހަން ވާއިރަށް ހާއްސަ ތައްޔާރީތަކެއް ވެސް ވަމުންނެވެ.

ބަލިވެ އިން 15 ނަރުހުންގެ ތެރެއިން ބައެއް ނަރުހުން މިހާރު ތިބީ ވިހަން ތައްޔާރު ވެފައެވެ. އެންމެ ފުރަތަމަ ވިހާނެ ކަމަށް ބެލެވެނީ ހީތާ ހާގާ ނަމަކަށް ކިޔާ ނަރުހެކެވެ. އޭނާ ވިހާނެ ކަމަށް ޑޮކްޓަރުން ބުނަނީ އޭޕްރިލް 17 ވަނަ ދުވަހު އެވެ.

ހުރިހާ ނަރުހުން ވިހައި ނިމޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ ސެޕްޓެމްބަރ މަސް ތެރޭގައެވެ.

ބަލިވެ އިން 15 ނަރުހުންގެ ތެރެއިން ގިނަ މީހުންނަކީ އަލަށް މަންމައިންނަށް ވާ މީހުންނެވެ. އެހެންކަމުން އެމީހުން ތިބީ އަލަތު ދަރިފުޅަށް މަރުޙަބާ ކިޔުމަށް ކެތްމަދުވެފައެވެ.

ނަރުހުން ބުނާ ގޮތުގައި އެކުގައި މަސައްކަތް ކުރާ ގިނަ މީހުން ވެސް ބަލިވެ އިނުމުން ހާއްސަ އުފަލެއް ހުރިހާ މުވައްޒަފުންނަށް ވެސް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައި

    ތި އެންމެން އެއްފަހަރާ ވިހައިން މަސް ޗުއްޓީ ދީފިއްޔާ ތި ހޮސްޕިޓާ އިނދަޖެހުނީނު.

    3
    1