މަރުކަޒީ ބޭންކަށް (އެމްއެމްއޭ އަށް) މިދިޔަ 2018 ވަނަ އަހަރު ލިބުނު ސާފު ފައިދާގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުން ކުރީ އަހަރާ އަޅާ ބަލާއިރު ލިބުނު ފައިދާ ވަނީ 65 އިންސައްތަ އަށް އިތުރުވެފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ސާފު ފައިދާގެ ގޮތުގައި އެމްއެމްއޭ އަށް 246 މިލިޔަން ރުފިޔާ ލިބިފައި ވެއެވެ. އަދި 2017 ވަނަ އަހަރު ނިމުނު އިރު އެމްއެމްއޭ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 148 މިލިޔަން ރުފިޔާ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2017 ވަނަ އަހަރަށް ވުރެ 19 ޕަސެންޓް އިތުރަށް މިދިޔަ އަހަރު އެމްއެމްއޭ އިން ވަނީ 550.7 މިލިޔަން ޑޮލަރު، ބޭންކްތަކަށް ވިއްކާފައި ވެއެވެ.

މިދިޔަ އަހަރު އެމްއެމްއޭ އަށް ލިބުނު އާމްދަނީގެ ތެރެއިން ދިވެހި ރުފިޔާގެ މުއާމަލާތްތަކުން ކުރީ އަހަރާ އަޅާ ބަލާއިރު އަށް މިލިޔަން ރުފިޔާ އިތުރަަށް 93 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ވިޔަފާރީގެ މުއާމަލާތްތަކަށް ވެސް ކުރީ އަހަރާ އަޅާ ބަލާއިރު ހަތަރު ޕަސެންޓް އިތުރަށް މިދިޔަ އަހަރު އެމްއެމްއޭ ޑޮލަރު ވިއްކާފައިވާއިރު ރާއްޖޭގެ ޑޮލަރުގެ ބާޒާރު ހަމައަކަށް އެޅުވުމަށް އެމްއެމްއޭ އިން ގިނަ އަދަދެއްގެ ޑޮލަރު ބޭންކްތަކަށް ވިއްކި އެވެ.

މިދިޔަ އަހަރު ވިޔަފާރީގެ މުއާމަލާތްތަކަށް 230.8 މިލިޔަން ޑޮލަރު އެމްއެމްއޭ އިން ވިއްކާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ބޭންކުތަކުގެ ބޭނުންތަކަށް ގަވާއިދުން ކޮންމެ ހަފުތާއަކު ވިއްކާ އެމެރިކާ ޑޮލަރުގެ ގޮތުގައި ދޫކުރި 169.5 މިލިއަން ޑޮލަރު ހިމެނޭ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.