އަވައްޓެރި ސްރީލަންކާ އަށް މިއަދާއި މާދަމާ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވެ ތިބުމަށް އެގައުމުގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު އާއްމު ފަރާތްތަކަށް އިންޒާރު ދީފިއެވެ.

ލަންކާގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދާއި މާދަމާ އެންމެ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަަފާކުރެވެނީ ލަންކާގެ ދެކުނުގެ ސަރަހައްދުތަކަށެވެ. ކަލުޓަރާ، ރަޓްނަޕޫރާ، ގޯލް، މަޓާރާ އަދި ކޭގަލް ސަރަހައްދަށް ވަރަށް ބޮޑަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ވެރިރަށް ކޮލަމްބޯ އާއި މެދުތެރޭގައި އޮންނަ ކެންޑީ އާއި ނޫރައްލިޔާ ސަރަހައްދަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާ ކުރެއެވެ.

ލަންކާގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ ލަންކާގެ އެކި ސަރަހައްދުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ގަދައަށް ގުގުރާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.

މިއަދާއި މާދަމާ ލަންކާގެ ދެކުނުގެ އައްސޭރިފަށުގެ ހިސާބުތަކަށާއި ކެންޑީ އަދި ނޫރައްލިއާ އަށް 40 މޭލާއި 50 މޭލާއި ދެމެދުގެ ވަރަކަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

ލަންކާ އަށް ވިއްސާރަ ކުރަން ފަށާފައި ވާއިރު މީގެ ދެހަފްތާ ކުރިން ފެށިގެން ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ވިއްސާރަ ކޮށްފައި ވެއެވެ. ރާއްޖެ އަށް ވެސް އަދި ލަންކާ އަށް ވެސް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ކިޔުންތެރިންގެ ހިޔާލު