ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވުމާއި ގުޅިގެން 5 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފައި ވަނިކޮށް ސަމާލު ދެމިގެންދާނޭ ކަމަށް ލަފާކުރެވޭ ވަގުތު އިތުރުކޮށްފިއެވެ.

މީގެ ކުރިން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ދެމިގެންދާނޭ ކަމަށް ލަފާ ކުރެވޭ ވަގުތަކީ މިއަދު ހެނދުނު 11:00 ޖެހުމާއި ހަމައަށް ކަމަށެވެ.

މާލެ އަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފައި. -- ވަގުތު އިމޭޖަސް، އިބްރާހިމް ޝާބިލް

މީގެ ކުރިން އެ އިދާރާ އިން ބުނެފައި ވަނީ ރީނދޫ ސަމާލު ދެމިގެންދާނޭ ކަމަށް ލަފާކުރެވޭ ވަގުތަކީ ރޭ ފަތިހު 04:00ން ފެށިގެން މިއަދު ހެނދުނު 07:00އާއި ހަމައަށް ކަމަށެވެ. މީގެ އިތުރުން މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި އިއްޔެ ހަވީރު 16:00ން ފެށިގެން މިއަދު ހެނދުނުގެ 06:00އާއި ހަމައަށް މާލެ އަށް ވަނީ 121 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މާލެ އަށް ކުރަމުންދާ ވިއްސާރާގައި އާއްމު ބައެއް ރައްޔިތުންގެ ގެދޮރަށާއި ފިހާރަ ފަދަ ތަންތަނަށް ދަނީ ފެންބޮޑުވެ، ފެން ވަންނަމުންނެވެ. ރޭ ދަންވަރު ބައެއް ރައްޔިތުން ވަނީ ނިކުމެ އެމީހުންގެ ގެދޮރަށާއި ފިހާރަތަކަށް ފެންވަނުން ހުއްޓުވުމަށް މަސައްކަތްތަކެއް ކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ.

އެމްއެންޑީއެފް އިންވެސް ފެން ހިންދުމުގެ މަސައްކަތް ފަށާފައި ވާއިރު، މިހައިތަނަށް ޕަމްޕު ބޭނުން ކޮށްގެން ފެން ހިއްކަން ފަށާފައި ވަނީ އައިޖީއެމްއެޗް ސަރަހައްދުގައެވެ. ރޭ މާލެއަށް ކުރި ވިއްސާރާގައި ބައެއް ސައިކަލުތަކަށްވެސް ވަނީ ގެއްލުން ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު