މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމި އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ދާދި ދެންމެއަކި ވަނީ ހއ. އަތޮޅުން ފަށައިގެން ނ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކައި، މ. އަތޮޅުން ފަށައިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 9:30 އިން ފަށައިގެން މެންދުރުފަހު 3:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތުގައި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ދެކުނާއި އުތުރުގެ ސަރަޙައްދުތަކަށް މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވާއިރު، މިއަދު ހެނދުނު 7:00 އިން ފަށައިގެން 11:00 އާއި ހަމައަށް ޅ. އަތޮޅުން ފަށައިގެން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮސް ވާރޭވެހޭނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެގޮތުން އައްޑޫ ސިޓީ އާއި މާލޭގައި ވަރަށް ބޮޑަށް ފެން ބޮޑުވެ ބައެއް ގެތަކަށް ފެނުގެ އަސަރު ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.