މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ގަންނަން ހުށަހެޅި މީހުންގެ އަދަދު ގިނަވެ، ރީފަންޑް ދޭން ނިންމައިފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ، އެ ބޭންކުން ހިއްސާ ގަތުމަށް ހުޅުވާލި ފުރުސަތުގައި 16،146 އިންވެސްޓަރުން 17،713 ފޯމު ހުށަހެޅާފައިވާ ކަމަށެވެ. އަދި އެއީ ފައިސާގެ ގޮތުން ބަލާ ނަމަ 356،533،100.00 ރުފިޔާ ކަމަށެވެ.

އެމްއައިބީ އިން ބުނީ އެއީ އެ ބޭންކުން ހޯދަން ބޭނުންވާ ފައިސާގެ އަދަދަށްވުރެ 46.05 ޕަސެންޓު (112،40،100 ރުފިޔާ) އިތުރު އަދަދެއް ކަމަށެވެ. އަދި މިހާރު އެމްއައިބީ އިން ނިންމާފައިވަނީ ޕްރޮސްޕެކްޓަސްގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވަކިވަކި ފަރުދުންގެ ތެރެއިން ހިއްސާ ގަތުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އިން އިތުރަށް ބުނެފައިވަނީ އެކި ސަބަބުތަކާހުރެ ހިއްސާ އެކަށަ އަޅާދެވިފައިނުވާ ފަރާތްތަކަށާއި، އޯވާ ސަބްސްކްރައިބް ވުމާއެކު ރިފަންޑް ކުރުމަށް އެމްއައިބީން ކަނޑައަޅާފައިވާ ފަރާތްތަކަށް، މި މަހުގެ 28 ވަނަ ދުވަހު ފައިސާ ރީފަންޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ލިސްޓު ކުރުމުގެ ގަވާއިދުގެ ދަށުން، ހިއްސާދާރުންގެ ލިސްޓް، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަށް މިހާރު ފޮނުވާފައިވާނޭ ކަމަށެވެ.

މި އަންނަ ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހު، އެލޮކޭޓުކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްއައިބީ އިން ބުނެފައިވެއެވެ.

އެމްއައިބީން އާއްމުންނަށް ފަށާފައި ވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްއައިބީ އަކީ އިސްލާމިކް ބޭންކް އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ އާއި ދިވެހި ސަރުކާރު ގުޅިގެން އުފައްދާފައިވާ ބޭންކެކެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި އެމްއައިބީ ރަޖިސްޓްރީ ކޮށް ބޭންކުން އާންމުންނަށް ވިއްކަން ހުޅުވާލާފައިވަނީ ބޭންކުގެ %31 ހިއްސާއެވެ.