ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ނައިޖީރިއާ އިން ވަރުގަދަ ބްރެޒިލް ހިފަހައްޓައިފި އެވެ.

ސިންގަޕޫރުގައި މިއަދު ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރެޒިލް އާއި ނައިޖީރިއާ ބައްދަލުކުރި މެޗު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. މި މެޗާއެކު ބްރެޒިލް ވަނީ މޮޅެއް ނުލިބި މިހާރު ހަތަރު މެޗު ހަމަކޮށްފަ އެވެ. މިދިޔަ ޖޫން މަހު އޮތް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިފަހުން ބްރެޒިލް ކުޅުނު މެޗުތަކުގައި އެގައުމު ވަނީ ކޮލަމްބިއާ އަތުން އެއްވަރުވެ ޕެރޫ އަތުން ބަލިވެފަ އެވެ. މީގެ އިތުރުން މީގެ ދެދުވަހެއް ކުރިން ވަރުގަދަ ޓީމެއް ނެރެގެން ސެނެގާލް އަތުން ވެސް މޮޅެއް ނުލިބުނުއިރު މިއަދު ނައިޖީރިއާ އަތުން ބްރެޒިލް އަށް މޮޅެއް ނުހޯދުމުން އެޓީމު މިވަގުތު އޮތް ހާލަތާއިމެދު ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނައިޖީރިއާ އެވެ. އެގޮތުން މި ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްކޮޓްލޭންޑްގެ ރޭންޖާސް އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޖޯ އަރީބޯ އެވެ. ޑިފެންޑަރު މާކުއިނޮސް ވިއްދާފައި އޮތްވައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން އަރީބޯ ނައިޖީރިއާ އަށް ލީޑު ނަގައިދިން ނަމަވެސް ބްރެޒިލް އިން ވަނީ 48 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު ބްރެޒިލް އަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކަސެމީރޯ އެވެ.

މެޗުގައި ދެޓީމަށްވެސް އިތުރު ލަނޑުތަކެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު ބްރެޒިލްގެ ފޯވަޑް ލައިންގައި ހިމެނޭ ރޮބާޓޯ ފާމީނޯ މެޗުގެ ވަރަށް ކުރީކޮޅު ފޮނުވާލި ހަމަލާއެއް ނައިޖީރިއާގެ ކީޕަރު މަތަކުރިއިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެވަޓަންގެ ފޯވަޑް ރިޗާލިސަން ފޮނުވާލި ބޯޅަ ވެސް ގޯލަކަށް ބަދަލެއްނުވި އެވެ.

މެޗުން މޮޅުނުވެވި ނިންމާލެވުމުގެ އިތުރުން ބްރެޒިލް އަށް ކުރިމަތިވެގެންދިޔަ އިތުރު ނުތަނަވަސްކަމަކީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާ ނޭމާ އަށް އަނިޔާވުމުންނެވެ. އެގޮތުން 12 ވަނަ މިނެޓުގައި ނޭމާ އަށް އަނިޔާވެ އޭނާ ދަނޑުން ބޭލިއިރު މިއީ ބްރެޒިލްގެ އިތުރުން ފްރާންސްގެ ޕީއެސްޖީއަށް ވެސް ދިމާވާނެ ބޮޑު ކަންބޮޑުވުމެކެވެ. ހާއްސަކޮށް ޕީއެސްޖީގެ އެޓޭކިންގް ލައިންގައި ހިމެނޭ ގިނަ ކުޅުންތެރިން މިވަގުތު އަނިޔާގައި ތިބުމުން ނޭމާ ގެއްލުން ވެގެންދާނީ ކުރިއަށްހުރި މެޗުތަކުގައި އެޓީމުގެ ހާލަތު ދަށްކޮށްލާނެ ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާބެ

    ބްރެޒިލް މޮޅުވާން އޮތީ ޓީމެއްގެ ގޮތުގައި ކުޅެގެން. ނޭމާ ކުޅެން އަރުވައިގެން އޭނާއަށް މުޅި ޓީމް ބަރޯސާވެގެން ކުޅެން ހަދައިގެން ބްރެޒިލް ބަލިވަނީ. ނޭމާ އަކީ ކުޅުންތެރިއަކަށްވުރެ ބޮޑަށް މީޑިޔާ ޝޯ ކުރުމުގެ މީހެއް. ފާއިތު ތަނުގައި ނޭމާ ކުޅެން ފެށިފަހުން ބްރެޒިލް ބަލިވެފައިވަނީ ނޭމާއަށް ޑިޕެންޑް ވެގެން ކުޅެން ހަދައިގެން. ބްރެޒިލްގެ ރަންޖީލުގައިވެސް ކާމިޔާ ލިބިފައިވަނީ ވަކި ކުޅުންތެރިޔަކަށް ޑިޕެންޑް ނުވެ ޓީމެއްގެ ގޮތުގައި ކުޅެގެން. އޭރުވެސް މޮޅެތި އެތަށް ކުޅުންތެރިންނެއް ތިބި. އެހެނަސް ވަކިވަކި ކުޅުންތެރިންނަަށް ޑިޕެންޑް ނުވެ މުޅި ޓީމް ކުޅުނީ ޓީމެއްގެ ގޮތުގައި. ކާމިޔާބު ވަނީ އެހެންވެގެން. އާޖެންޓިނާއަށް ވެސް މިހާރު ކުރިމަތި ވެފައިވާ މައްސަލައަކީ މިއީ. މެސީ އަށް މުޅި ޓީމް ޑިޕެންޑްވުން. އެންމެ ފަހުން ކޮޕަރ އެމެރިކާ ބްރެޒިލްއިން ކާމިޔާބު ކުރީ ތިޔަ ނޭމާއެއްނެތި. އޭރު ޓީމު ކުޅުނީ ޓީމުވަންތަ ކަމާއިއެކު ހުރިހާ ޑިޕާރޓްމަންޓްއެއްވެސް ގުޅިގެން. ދެންވެސް ބްރެޒިލް ކާމިޔާބު ހޯދާނެނަމަ ނޭމާ މީޑިޔާއަށް ދޫކޮށްލާފައި ވަންމޭން ޓީމްގެ ބަދަލުގައި ޓީމްވަންތަ ކުޅުމެއް ކުޅޭނަމަ މޮޅުވާނެ.

    4
    2