އިސްތަށި ފޭބުމާއި އިސްތަށިގަނޑުގެ ސިއްޙަތު ބަލިކަށިވެ ދިއުމަކީ ކޮންމެ މީހަކަށްވެސް ނަފްސާނީ ގޮތުން އަސަރުކުރާނެ ކަމެކެވެ. ތަލަ ވެދާނެތީ އެހާމެ ބިރުވެސް ގަންނާނެ ކަމެކެވެ. އަދި ބައެއް ފަހަރު އަމިއްލައަށް ބޭނުންވެގެން އިސްތަށިގަނޑު ތުނިކޮށް ކޮށާލުމުން އެކަމާ ދެރަވެގެން ފަހުން އުޅޭ މީހުންވެސް ގިނައެވެ. އާންމުކޮށް މިކަހަލަ ހާލަތްތައް މެދުވެރިވަނީ އަންހެނުންނަށެވެ.

އަންހެނަކު އެންމެ ދެރަވާނެ ނުވަތަ ރުޅި އަންނާނެ އެއް ކަމަކީ ރީތިވެލަން (މޭކްއޯވާ ހަދަން) ސެލޫނަކަށް ގޮސް ރީތި ސްޓައިލަކަށް ބޯ ކޮށައި ރީތި ކުލައެއް ޖައްސާލަން ގޮސް އުޅެނިކޮށް ބޯ ކޮށާ މީހާގެ ފަރާތުން ވެދާނެ މިސްޓޭކެވެ. އެފަދަ ހާލަތެއްގައި ބޮލުގެ އިސްތަށިގަނޑު އެއްކޮށްހެން ހަލާކުވެދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިއީ މިފަދަ ހާދިސާއެއް މެދުވެރިވި އަންހެނެއްގެ ވާހަކައެވެ. މިއީ ތުރުކީއަށް ނިސްބަތްވާ އިލްުޔާދާ ނަމަކަށް ކިޔާ އަންހެނެއްގެ ވާހަކައެވެ.

އެގައުމުގެ ގައުމީ ޓީވީ ޗެނަލުގައި ބޭއްވި މޭކްއޯވާ ޝޯއެއްގައި ބައިވެރިވާން އިލްޔާދާ އެއްބަސްވިއެވެ. އެ ޝޯގެ ވީޑިއޯއެއް އާންމުވެފައިވާއިރު، އޭގެން ފެންނަ ގޮތުގައި އޭނާގެ މޯކްއޯވާ ހަދަން ހުރި ބޯކޮށާ މީހާ އިލްޔާދާގެ އިސްތަށިގަނޑު އެއްކޮށް ކަހަލަ ގޮތަކަށް ބުރިކޮށްލައެވެ. އިލްޔާދާގެ އިސްތަށިގަނޑު އޭނާ ބުރިކޮށްލަނީ އިލްޔާދާގެ ހުއްދައެއްވެސް ހޯދުމެއް ނެތިއެވެ.

އިލްޔާދާއަކީ އަމިއްލަ އިސްތަށިގަނޑަށް ލޯބިކުރާ، އިސްތަށިގަނޑު ވަރަށް ލޯބިން، ރީތިކޮށް ގެންގުޅޭ، ދިގު އިސްތަށިގަނޑެއް އޮންނަ އަންހެނެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ބޯކޮށާ މީހާ ކޮށާލާފައިވަނީ އިލްޔާދާގެ އިސްތަށިގަނޑުން އެއް ފޫޓު ދިގު މިނުގެ ތަންގަނޑެކެވެ. އެވެސް އެންމެ ފަހަރަކު ކަތުރު ޖެއްސިގޮތަށް އެއްފަހަރާއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އިސްތަށިގަނޑު ދިގު ކުރުމަށް އިލްޔާދާ ވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން އިސްތަށިގަނޑުގެ ސިއްހަތަށް ބޭނުންވާ މުހިއްމު ކަންކަން ފުރިހަމަކޮށް ވަރަށް ރަނގަޅަށް އިސްތަށިގަނޑަށް ބަލައިގެން ގެންގުޅެފައެވެ. އެހެންކަމުން ކޮންމެއަކަސް އިލްޔާދާއަށް މިކަން ވީ ވަރަށް އަސަރުކުރުވި ކަމަކަށެވެ. ރުޅިއާއި ހިތާމަ އޭނާގެ ހިތަށް ވެރިވެ، ފެންކަޅިވެ ހުރި ހާލު ރުޅިއައިސްގެ އެ ޝޯގެ ސެޓުން ނުކުންނަން ވެގެން އޭނާ އިން ގޮނޑިން ތެދުވިއެވެ. އެއާއެކު ހޭނެތިގެން އޭނާ ވެއްޓުނީ ބިންމައްޗަށެވެ.

 

ކިޔުންތެރިންގެ ހިޔާލު