މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ބްލޮގާ، ޔާމީން ރަޝީދު، ހޮސްޕިޓަލަށް ގެނައި އިރުވެސް، އޭނާގެ ހަށިގަނޑުގައި ދިރިހުރި ކަމުގެ އެއްވެސް ނިޝާނެެއް ފެންނަން ނެތް ކަމަށް، އެ މައްސަލައިގެ ޝަރީޢަތުގެ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދިން ޑޮކްޓަރަކު ބުނެފިއެވެ.

މިއަދުގެ ޝަރީޢަތަށް ހެކިބަސް ނެގުމަށް ދަޢުލަތުގެ ފަރާތުން ހާޟިރުކޮށްފައިވަނީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ މެޑިކަލް ރިޕޯޓު ހެދި ޑޮކްޓަރެވެ.

"އޭނާ ހޮސްޕިޓަކަށް ގެނައި އިރު އޮތީ ހޭނެތިފަ. ހިތުގެ ވިންދެއް ނެތް. ނޭވައެއް ނުލާ. ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް. އަޅުގަނޑުމެންގެ ޢާއްމު އުޞޫލުގެ ތެރެއިން، ސީޕީއާރުވެސް ދިނިން. ނަމަވެސް އެއްވެސް ވަރަކަށް ސީޕީއާރު ލިބިފައެއް ނެތް." ހެކިބަސް ދެމުން ޑޮކްޓަރު ބުންޏެވެ.

އިތުރަށް ވާހަކަދައްކަމުން ހެކިވެރިޔާ ބުނީ، ޔާމީން ރަޝީދުގެ ހަށިގަނޑުން ބޮޑެތި ޒަޚަމްތަކެއް ފެންނަން ހުރި ކަމަށާއި، އެ ޒަޚަމު ތަކަކީ މީހަކު މަރުވެދާނެ ފަދަ ބޮޑެތި ޒަޚަމްތަކެއް ކަމަށެވެ.

"އޭނާގެ ބޮލަށްވެސް ގެއްލުންތަކެއް ލިބިފަ ހުރި. ކަނައަތު ލޯމަތީގަވެސް ބޮޑެތި ގެއްލުން ތަކެއް ފެންނަން ހުރި. އެންމެ ބޮޑު އަނިޔާއެއް ލިބިފަ ހުރީ ކަރަށް. އޭގެ ސަބަބުން މައި ނޭލާރުތަކަށްވެސް ވަރަށް ބޮޑަށް ގެއްލުން ވެފަ ހުރީ. މީގެ އިތުރުން ކަނައަތު މޭމަތީގަވެސް ބޮޑެތި ޒަޚަމްތަކެއް ހުރި." ހެކިވެރިޔާ ބުންޏެވެ.

ހެކިިވެރިޔާގެ ހެކިބަހާއި ގުޅިގެން ދިފާޢުން އެއްވެސް ސުވާލެއް ކުރަން ބޭނުން ނުވާ ކަމަށް، އެ މައްސަލައިގައި ދަޢުވާ ލިބޭ ހަ މީހުންގެ ދިފާޢީ ވަކީލުންވެސް ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޝަރީއަތުގައިވެސް ދަޢުލަތުން ވަނީ، ސިއްރު ހެކިވެރިންނަށް ބިރު ދައްކާ، ޖިސްމާނީ އަނިޔާ ކުރަމުންދާކަން ފާހަގަކޮށް، އެކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނެސްފައެވެ.

"އިއްޒަތްތެރި ޤާޟީ. މީގެ ކުރިންވެސް އަޅުގަނޑުމެން ފާހަގަކޮށްފައިވާނެ، މި މައްސަލައާއި ގުޅިގެން ދަޢުލަތުން ހުށަހަޅާފައިވާ ހެކިންނަށް ނުފޫޒު ފޯރުވަމުން ދާ ވަހަކަ. އެމީހުންނަށް ޖިސްމާނީ ގޮތުންވެސް އަނިޔާ ލިބެމުން އެބަދޭ. މިކަން މިހާރު ފުލުހުންވެސް ތަޙުޤީޤު ކުރައްވަމުން ދަނީ. އަދި މިކަމުގެ ތަފްޟީލު މިއަދު ވާނެ ކޯޓަށްވެސް ހުށަހަޅާފަ. އަޅުގަނޑުމެން އެބަ ބަލަން ފުލުހުންނާއި ވާހަކަ ދައްކައިގެން އެމީހުންގެ ސެކިއުރިޓީ ކަންކަން ވަރުގަދަކޮށްގެން ނަމަވެސް ހެކިބަސް ނަގަން ހާޟިކުރެވޭތޯ. އިދާރަކުރެއްވިއްޔާ ދެން އޮންނަ އަޑުއެހުމަކަށް އެމީހުން ނެގެވޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން." ދަޢުލަތުން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން، ދިފާޢީ ވަކީލް، މަޢުމޫނު ޙަމީދު ވިދާޅުވީ، ދަޢުލަތުން އެފަދައިން ވިދާޅުވާނަމަ، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާއި، ދަޢުލަތަށް އެކަން ނުކުރެއްވޭ ނަމަ، ޝަރީޢަތުންވިޔަސް އެކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ މުވައްކިލް، އިސްމާޢިލް ރަޝީދަށްވެސް މިކަން އެބަ ނިޟްބަތްވޭ. ދަޢުލަތުން އެފަދައިން ވިދާޅުވާނަމަ، އެކަން އެބަޖެހޭ ދަޢުވާ ލިބޭ ފަރާތްތަކަށްވެސް ސާފުކޮށްދެއްވަން. ކޮންކަހަލަ ގެއްލުން ތަކެއްތޯ ލިބެނީ. ކޮބައިތޯ ލިބިފައިވާ ގެއްލުން ތަކަކީ. މި މައްސަލައިގެ 6 ވަނަ އަޑުއެހުމުން ފެށިގެން ދަޢުލަތުން އެ ގެެންދަވަނީ އެކަން ފާހަގަ ކުރައްވަމުން. ނަމަވެސް ދިފާޢަށް އެކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނެތް." މަޢުމޫން ޙަމީދު ވިދާޅުވިއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.