އިލެކްޝަން ކޮމިޝަނުން ހުސްވާ މެންބަރުގެ މަޤާމަށް ކުރިމަތިލައްވަން އެކޮމިޝަންގެ މެންބަރުކަމާއި ނައިބު ރައީސް ކަން ކުރިން ކުރެއްވި އަހުމަދު ފަޔާޒް ހަސަން ނިންމަވައިފިއެވެ.

ފަޔާޒް ވަނީ މީގެ ދެތިން މަހެއްހާ ދުވަސް ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ވެސް ކުރިމަތިލައްވާފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އޭނާ އަށް ރުހުން ނުލިބުމުން މަގާމު ލިބިވަޑައެއް ނުގެންނެވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލުމާއި ގުޅިގެން ފަޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަމަށެވެ.

"އަޅުގަނޑު ﷲގެ ވާގިފުޅާއެކު އިލެކްޝަންސް ކޮމިޝަން ގެ މެމްބަރުކަމަށް ކުރިމަތިލާން ނިންމައި އެކަމުގެ ފަތްތޫރަ ހިންގަން" ފަޔާޒް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި ކޮމިޝަންގެ އޭރުގެ ނާއިބު ފަޔާޒު މަގާމު ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސުޕްރީމް ކޯޓުގެ އަމުރުތަކަށް ކިޔަމަންވެ ވަޑައިނުގެން، އެކޯޓުގެ ނިންމުންތަކަށް ތަކުރާރުކޮށް ގޮންޖައްސަވައި ވާހަކަ ދެއްކެވި މައްސަލައިގައެވެ. އެ ދެބޭފުޅުން ގެ މެންބަރު ކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ނުވައެއް މާޗް 2014ގަ އެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ހުޅުވާލާފައިވަނީ މިމަހުގެ 27ވަނަ ދުވަހުގެ ނިޔަލަށެވެ. އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމްގެ މަޤާމުގެ މުއްދަތު އޭޕްރީލް މަހުގެ 23ވަނަ ދުވަހު ހަމަވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓަކަފިރޯށި

    ކުޅިބަ އި ހަމަވަނީ އެވެ. ދެންޝަރީފު އަވަހަށް އިސްތި އުފާދީފަ އެމް.ޑީ.ޕީ ތެރޭން އެހެން ގޮޅި އެ އް ހޯދޭތޯ ބަލަން ވީ އެވެ.

  2. އުފާ

    މީނައަކީ ކޮމިސަނުގެ މެންބަރުކަން ވަރަށް ބޭނުންމީހެއް