ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ވުހާން ސިޓީގެ ހޮސްޕިޓަލެއްގައި ވައިރަސްގެ ސަބަބުން މަރުވެފައިވާ މީހުންގެ ހަށިތައް ބިންމަތީގައި ބާއްވައިގެން އެހަށިތައް ކައިރީ އިތުރު ބަލި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ޑޮކްޓަރުންނާއި ނަރުހުން ކުރަމުން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފިއެވެ.

ވީޑިއޯ އިން ފެންނަނީ ހޮސްޕިޓަލެއްގެ ތެރޭގައި ބައެއް މީހުންގެ ހަށިތައް ހުރިއިރު އެހަށިތައް ކައިރީ ހުރި ގޮނޑިތަކުގައި އިށީންދެގެން ތިބި މީހުންނަށް ޑޮކްޓަރުން ފަރުވާ ކުރަމުންދާ މަންޒަރެވެ.

މި ވީޑިއޯ އާއްމުކޮށްފައި ވަނީ ޗައިނާގެ މީސް މީޑިއާ ސައިޓެއް ކަމަށްވާ "ވެއިބޯ" ގައެވެ. ނަމަވެސް މިހާރު ވަނީ ވީޑިއޯ ޑިލީޓް ކޮށްލާފައެވެ.

މި ވީޑިއޯ ނަގާފައި ވަނީ ވުހާން ރެޑްކްރޮސް ހޮސްޕިޓަލްގައެވެ. ވީޑިއޯގައި ވާހަކަދައްކާ އަންހެން މީހާ ބުނެފައި ވަނީ މަރުވެފައިވާ މީހުންގެ ހަށިތައް ހެނދުނުން ފެށިގެން އެތަނުގައި ހުރި ކަމަށެވެ. އެތަނުގައި ތިބި ބައެއް މީހުން މިހާރުވެސް ތިބީ ފުރާނައަށް ނުރައްކާވަރަށް ބަލީގެ އަސަރު ކޮށްފައި ކަމަށް އޭނާ ބުނެއެވެ.

އެއްވެސް މީހަކު ހޮސްޕިޓަލްގެ ހާލަތު ރަނގަޅު ކުރަން ނާންނަ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ޗައިނާ އިން ބުނާ ގޮތުގައި ކޮރޯނާވައިރަސްގެ އަސަރުކޮށްގެން އެގައުމުން 26 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ. އަދި ބަލީގެ އަސަރު ކޮށްފައިވާ 830 މީހުން އެބަތިއްބެވެ.

ނަމަވެސް ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ހަޤީޤަތުގައި މި ބަލީގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު އެތައް ހާހަކަށް އެރުން ގާތެވެ.

ވުހާންގައި ކޮރޯނާވައިރަސް ފެތުރެމުން ދާތީ އެ ސިޓީ ވަނީ ކަރަންޓީން ކޮށްފައެވެ. ސިޓީ އިން ބޭރަށް އެއްވެސް މީހަކަށް ދަތުރެއް ނުކުރެވެއެވެ. ސިޓީގެ ހުރިހާ އާއްމު ދަތުރުފަތުރުގެ ނިޒާމެއް ވަނީ ހުއްޓާލާފައެވެ. އަދި ޕްރައިވެޓް ވެހިކަލްތަކުގައި އެހެން ސިޓީތަކަށް ދަތުރު ކުރެވެން އޮންނަ މައި މަގު ވެސް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މުސްލިމުންނަަށް އަނިޔާ ކުރާ ކޮބާ ؟ ﷲގެ ކޯފާ އަންނާނީ އެންމެންގެ މައްޗަށް

    44
  2. ސަބަބު

    އޫރުމަހާއި، މުޅަތަކެއްޗާއި އޮހުރޭ ލެއާއި، ބަނގުރަލާއި މަސްތުވާތަކެތި އިސްލާމް ދީނުގައި ހަރާމް ކޮށްފައިވަނީ އެތަކެއްޗަކީ، އިންސާނުންނަށް ގެއްލުން ލިބޭ ތަކެތި ކަމުގައިވާތީ.... މިބަލި ފެތުރިގެން މިއުޅެނީ މިފަދަ ކަންކަމުގެ ނަތީޖާގެ ސަބަބުން.

    30