ބޮލީވުޑުގެ ފިލުމުތަކުގައި ''ވިލަން''ގެ ރޯލުތަކުން މަޝްހޫރުވެފައިވާ ގުލްޝަން ގްރޯވައަށް މޮރޮކޯ ވިސާ ދިނުމަށް އިންކާރު ކުރީ ޝާހުރުކް ޚާންގެ ސަބަބުން ކަމަށް ގުލްޝަން ބުނެފިއެވެ. އޭނާ މި ވާހަކަ ހިއްސާ ކޮށްފައިވަނީ ސޮނީ އެންޓަޓެއިންމަންޓުގެ ރިއަލިޓީ ޝޯއެއް ކަމަށްވާ އިންޑިއާސް ބެސްޓް ޑާންސަގައެވެ.

ގުލްޝަން ބުނެފައިވަނީ މޮރޮކޯއަށް އޭނާ މަޑުކުރީ އެއް ދުވަހަށް ކަމަށާއި، އެއީ ހަމައެކަނި ތަންތަން ބަލައިލުމަށް ދިޔަ ދަތުރެއް ކަމަށެވެ.

ވިސާއަށް އެދި ހުށަހެޅީ އަންހެން އޮފިސަރު އޭނާއަށް ވިސާ ދިނުމަށް އިންކާރު ކުރިއެވެ. އެތައް ފަހަރަކު އެހުމުން ވެސް ވިސާ ލިބޭ ގޮތް ނުވުމުން، ސަބަބު ބަޔާން ކުރުމަށް އެދުމުން އަންހެން އޮފިސަރު ބުނެފައިވަނީ އެއީ ގުލްޝަން ޝާހުރުކް ޚާނަށް އަނިޔާ ކުރާތީ ކަމަށެވެ.

ޝާހުރުކް ޚާނަށް އަނިޔާ ކޮށްފައިވަނީ އަސްލަށް ނޫން ކަމަށާއި އެއީ ހަމައެކަނި ފިލުމުތަކުގައި ކަމަށް ބުނެ އޮފިސައަށް އެ ވާހަކަތައް ގުލްޝަން އޮޅުންފިލުވައިދިނެވެ. އަދި އަސްލު ދިރިއުޅުމުގައި ޝާހުރުކް ޚާނަކީ އޭނާގެ ރަހުމަތްތެރިއެއް އަދި ކޮއްކޮއެއް ފަދަ މީހެއް ކަމަށާއި އަސްލު ޝާހުއަށް އަނިޔާ ނުކުރާކަމަށް ވެސް އޮފިސަރަށް އޮޅުންފިލުވައިދިނުމުން ވިސާ ލިބޭގޮތްވީ ކަމަށް ވެސް ގުލްޝަން ބުނެފައިވެއެވެ.

ގުލްޝަން ބުނެފައިވަނީ މިއީ މޮރޮކޯގެ މީހުން ބޮލީވުޑު ފިލުމުތައް ބަލައިކަމާއި ބޮލީވުޑުގެ ފަންނާނުންނަށް ތާޢީދުކުރާ މިންވަރު ދައްކުވައިދޭ ކަމެއްކަމުގައެވެ.

ޝާހުރުކް ޚާނާއި ގުލްޝަން ކުމާރު އެކުގައި ''ޑުބްލިކޭޓް''، ''ޔޭސް ބޮސް'' އަދި ''ރާމް ޖާނޭ'' ފަދަ ފިލުމުތަކުގައި މަސައްކަތް ކޮށްފައިވެއެވެ. މިއިން ކޮންމެ ފިލުމެއްގައި ވެސް ޝާހުއާއި ގުލްޝަންގެ މެދުގައި ހަމަނުޖެހުމެއް ހިނގައެވެ.

ކިޔުންތެރިންގެ ހިޔާލު