ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް އާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް މިރޭ މެންދަމު ނަގައިފިއެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިންގެ ތެރެއިން 3 ހެކިވެރިންގެ ހެކިބަސް މިރޭ ނަގާފައިވަނީ، އެއްވެސް ބޭފުޅެއްގެ ދިފާއީ އެއްވެސް ވަކީލަކު ނެތިއެވެ.

ކުރިން ހެކިބަސް ދިން މީހަކު މި މައްސަލައިގައިވެސް ހެކިބަސް ދިނުމުން ކަންބޮޑުވުން

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ބޭފުޅުންގެ މައްޗަށް މިހާރު ސާބިތުވެފައިވާ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި ވެސް ހެކިބަސް ދިން މީހަކު މި މައްސަލައިގައިވެސް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުއާ ދެކޮޅަށް ހެކިބަސް ދީފައެވެ. ސިއްރުން ހެކިބަސް ދެމުން އެ ހެކިވެރިޔާ ބުނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ބައެއް މައްސަލަތަކާ ގުޅިގެން އޭނާ އަށް ގުޅައި، ވާހަކަ ދެއްކެވި ކަމަށާއި، ވަކި ގޮތަކަށް އަމަލު ކުރުމުން ހެކިވެރިޔާއަށް ފަނޑިޔާރު އަލީ ހަމީދު ޝުކުރު އަދާ ކުރެއްވި ކަމަށެވެ.

އެ ހެކިވެރިޔާގެ ހެކިބަސް ނެގުމަށް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވެސް އިއުތިރާޒު ކުރެއްވިއެވެ. ދެ ފަނޑިޔާރުން ވިދާޅުވީ، އެ ހެކިވެރިޔަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލާގައި ވެސް ހެކިބަސް ދިން މީހެއް ކަމަށެވެ. އެ މައްސަލަ ސާބިތުވެ ހުކުމް ކޮށް، އެ ހުކުމް އިސްތިއުނާފު ކޮށްފައިވާއިރު، އެ ހެކިވެރިޔާގެ ހެކިބަސް ބޭނުން ކޮށްގެން އިތުރު ދައުވާއެއް ސާބިތު ކުރަން އުޅުމަކީ އެއް ކުށަކަށް ދެ ފަހަރު އަދަބު ދިނުން ކަމަށާއި އެއީ ގާނޫނީ ގޮތުން ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ދެ ފަނޑިޔާރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ދެ ފަނޑިޔާރުންގެ ވާހަކަތަކަށް ރައްދު ދެމުން ދައުލަތުގެ ވަކީލާ އައިޝަރު ރީޝާ ވިދާޅުވީ، ކުރިން ސާބިތުވި މައްސަލައިގައި މި ހެކިވެރިޔާ ހެކިބަސް ދީފައިވަނީ މުޅިން އެހެން ކަމެއް ސާބިތު ކުރަން ކަމަށާއި، މި މައްސަލައިގައި އެ ހެކިވެރިޔާގެ ހެކިބަސް ނަގަނީ މި މައްސަލަ އާއި ގުޅޭ ހެކި ދެ ފަނޑިޔާރުންގެ ފޯނުގައި ހުންނާނެކަން ސާބިތު ކުރުމަށް ކަމަށެވެ.

ދައުލަތުގެ ޖަވާބައެކު، ގާޒީ ނިންމެވީ ދެ ފަނޑިޔާރުންގެ އިޖުރާއީ ނުކުތާ ބަލައި ނުގަނެވޭނެ ކަމަށެވެ.

ލިޔުންތައް ގެންދިޔަ ކަމަށްބުނާ ހެކިވެރިޔާއަށް ޢަލީ ހަމީދުގެ ވަރުގަދަ ރައްދެއް

މި މައްސަލައިގައި "ސިއްރު ހެކިވެރިޔާ 4" ގެ ގޮތުގައި ހެކިބަސް ދީފައިވަނީ ކޯޓުތަކުގައި ހިނގާ ބައެއް މައްސަލަތަކާ ގުޅިގެން މަޢުމޫނު ހަވާލުކުރާ ލިޔުންތައް ފަނޑިޔާރު އަލީ ހަމީދަށް ހަވާލުކޮށްދީ، ހެކިވެރިޔާގެ ފޯނުން މަޢުމޫނާއި ޢަލީ ހަމީދު ވާހަކަ ދައްކާފައި ހުންނާނެ ކަމަށްބުނާ މީހެކެވެ. ހެކިވެރިޔާ ބުނީ ހެކިވެރިޔާއަކީ 2008 ވަނަ އަހަރުން ފެށިގެން މަޢުމޫނުގެ އަރިހުގައި ވަރަށް ގާތްކޮށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ޢަލީ ހަމީދު ފޯނެއް ގެންގުޅުއްވާ ކަމަށާއި، ޢާއްމުކޮށް މަޢޫމޫނާ މުއާމަލާތު ކުރައްވަނީ "ވަޓްސްއަޕް" މެދުވެރިކޮށް ކަމަށާއި، އަލީ ހަމީދުގެ ފޯނުން ނުގުޅޭނަމަ ހެކިވެރިޔާގެ ފޯނުންވެސް މަޢުމޫނަށް ގުޅާފައިވާނެ ކަމަށް ސިއްރު ހެކިވެރިޔާ ބުންޏެވެ.

ސިއްރު ހެކިވެރިޔާ ދެއްކި ވާހަކަތައް ޢަލީ ހަމީދު ދޮގު ކުރައްވާ ވިދާޅުވީ، ހެކުވެރިޔާ ހެކިބަސް ދެމުން ހަދާފައިވަނީ ކަނޑައެޅިގެން ބުހުތާނު ދޮގު ކަމަށާއި، ހެކިވެރިޔާ އެ ދެއްކެވި ވާހަކަތަކީ ޕަބްލިކް މީޑިއާގައި ހެކިވެރިޔާ ދައްކާފައި ހުރި ވާހަކަތަކެއް ކަމަށާއި، އަދާވާތްތެރިންނާއި ދެކޮޅުވެރިންގެ ހެކިބަސް ޝަރީއަތުން ބަލައިގެނެގެން ނުވާނެކަމަށެވެ.

ހެކިބަސް ދެމުން އަލީ ހަމީދު ގެންގުޅޭ މޮބައިލް ނަންބަރުކަމަށް ހެކިވެރިޔާ ވިދާޅުވި 7770079 ނަންބަރު ފޯނު ނަންބަރު ބޭނުންކޮށްގެން އަލީ ހަމީދު ގުޅީ ކޮން އަހަރަކުތޯ ހެކިވެރިޔާއާ އަލޫ ހަމީދު ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ހެކިވެރިޔާ ބުނީ 2013 އިން ފެށިގެން 2014 އާ ދެމެދުގެ ދުވަސްތަކުގައި ކަމަށެވެ. ނަމަވެސް ޢަލީ ހަމީދު ވިދާޅުވީ އެ ނަންބަރު ބޭނުން ކޮށްފައިވާނީ 2014 ގެ ފަހުން ކަމަށެވެ.

ޢަލީ ހަމީދު އިތުރަށް ވިދާޅުވީ، ހެކިވެރިޔަކީ ފޯނެއް ހިފައިގެން ކޮންމެވެސް މީހަކު ބުނެގެން ކަމަށްބުނެ އަލީ ހަމީދުގެ ގެއަށް އައި މީހެއް ކަމަށާއި، އެ މީހާ އަލީ ހަމީދުގެ ގެއިން ނެރުމަށްފަހު ކަމާ ބެހޭ އިދާރާތަކަށް އެ މައްސަލަ ހުށަހަޅައިގެން ބެލުމަށްފަހު، އެ މައްސަލައިގައި ޖަލަށްވެސް ލާފައިވާ މީހެއް ކަމަށެވެ. އިތުރަށް އެ ހެކިވެރިޔާއާ ދޭތެރޭ ދައްކާނެ ވާހަކައެއް ނެތްކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.

މި ހެކިވެރިޔާއާ ސީދާ ސުވާލެއް ކުރަން ބޭނުން ނުވާކަމަށް މަޢޫމޫން ވިދާޅުވިއެވެ. މަޢުމޫން އެގޮތަށް ވިދާޅުވީ، ޝަރީއަތް ފެށިގެން ނިމެންދެން އެންމެ ހިނދުކޮޅެއްވެސް އުނި ނުވާނެހެން ލިބެންޖެހޭ ދިފާއީ ވަކީލުންގެ ހައްޤަށް ޝަރީއަތުން އަރައިގަނެފައިވާކަމަށް ވިދާޅުވެއެވެ.

ނަމަވެސް މަޢުމޫން ވިދާޅުވީ، ހެކިވެރިޔާ ހެކިބަސް ދެމުން ބުނެފައިވަނީ ބުހުތާނު ދޮގު ކަމަށާއި، ދުވަހަކުވެސް އެފަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށާއި އެ ހެކިބަހަށް މުތުލަޤަށް އިންކާރު ކުރާކަމަށެވެ.

ސްޕްރީމް ކޯޓުގެ މުވައްޒަފަށް އިޖުރާއަތުތައް ނޭނގުނު، ހެކިބަސް ދިނީ ދެފަހަރު ދެގޮތަށް

މިރޭ ސިއްރުން ހެކިބަސް ދިން އެކަކީ ސުޕްރީމް ކޯޓުގެ މުވައްޒަފެކެވެ. ސިއްރުން ހެކިބަސް ދިން އެ މުވައްޒަފު ދައުލަތުން ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގައި ފޯނު ގެންގުޅުން މަނާ އެއްވެސް ތަނެއް ނޯންނާނެ ކަން ސާބިތު ކުރުމަށެވެ. ނަމަވެސް ހެކިވެރިޔާ ހެކިބަސް ދިނީ އެކި ފަހަރު އެކި ގޮތަށެވެ.

ހެކިވެރިޔާ ހެކިބަސް ދެމުން ދައުލަތުގެ ސުވާލަށް ޖަވާބު ދެމުން ބުނީ ހެކިވެރިޔާއަށް އެނގިގެން ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފޯނު ގެންގުޅުން މަނާ ތަނެއް ސްޕްރީމް ކޯޓުގައި ނޯންނަ ކަމަށެވެ.

ހެކިބަސް ދިނުމާއެކު، އުއްތަމަ ފަނޑިޔާރު ހެކިވެރިޔާ އަށް ސުވާލުތަކެއް އަމާޒު ކުރެއްވިއެވެ. އެއް ސުވާލެއްގެ ގޮތުން އެއްސެވީ ސްޕްރީމް ކޯޓުގައި ފޯނު ބޭނުންކުރުން މަނާ އިޖުރާއަތެއް އޮންނަކަން އެނގޭތޯއެވެ. ހެކިވެރިޔާ ބުނީ އެފަދަ އިޖުރާއަތެއް އޮންނަކަންވެސް ނޭނގޭ ކަމަށެވެ. އެ ކޯޓުގެ ޝަރީއަތުގެ މަޖިލިސްތަކަށް ފަނޑިޔާރުން ފޯނު ހިފައިގެން ވަންނަތަން ފެނޭތޯ ހެކިވެރިޔާއާ ސުވާލު ކުރުމުން ބުނީ، ޝަރީއަތުގެ މަޖިލީހަށް ފޯނު ވައްދާތަންވެސް ފެނިފައި ނުވާ ކަމަށެވެ. އަދި ފަނޑިޔާރުން މައްސަލަތަކުގައި ގޮތް ނިންމެވުމުގެ ކުރިން މަޝްވަރާ ކުރާ މަޖިލީހަށް ފޯނު ހިފައިގެން ވަދެ އެފަދަ މަޖިލީހެއް ކުރިއަށް ގެންދާތަން ފެނުނުތޯ އެހުމުންވެސް ހެކިވެރިޔާ ބުނީ ނުފެންނަ ކަމަށެވެ.

ހެކިވެރިޔާއަށް ޢަލީ ހަމީދު ސުވާލު ކުރީ 2018 ފެބުރުވަރީ 6 ވަނަ ދުވަހު (ހައްރު ކުރި ދުވަހު) ސްޕްރީމް ކޯޓަށް ވަޒީފާއަށް ނިކުންނެވިންތޯއެވެ. ހެކިވެރިޔ ބުނީ އެދުވަހު ހެކިވެރިޔާ ހުރީ ޗުއްޓީގައި ކަމަށާއި އެދުވަހު ކޯޓުގެ އެއްވެސް ތަނެއްގައި ޢަލީ ހަމީދު ފޯނު ބޭނުން ކުރަނިކޮށް ފެނިފައި ނުވާ ކަމަށެވެ. ހެކިވެރިޔއަށް އަލީ ހަމީދު ކުރި ސުވާލުތަކާ ގުޅިގެން އިތުރަށް ހެކިވެރިޔާ ބުނީ، އެރޭ އަލީ ހަމީދު ގެއަށް ދިއުން ލަސްވެގެން ހޯދަން އަލީ ހަމީދުގެ ގެއިން ހެކިވެރިޔަގެ ފޯނަށް ގުޅި ކަމަށާއި، ގުޅާފައި ބުނީ އަލީ ހަމީދަށް ނުގުޅިގެން އުޅޭ ކަމަށެވެ. އަދި ހެކިވެރިޔާވެސް ޢަލީ ހަމީދަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ފޯނު ޑިސްކަނެތް އަރާފައި ނުގުޅޭ ކަމަށެވެ.

ޝަރުއީ ދާއިރާގެ ބޭފުޅެއްގެ ސިއްރު ހެކިބަސް

މިރޭ ސިއްރުން ހެކިބަސްދިން އެއް ފަރާތަކީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަރާތެކެވެ. އޭނާ ހެކިބަސް ދެމުން ބުނީ، ކޯޓުގައި ހިނގާ މައްސަލަތަކާ ބެހޭގޮތުން އެކި ފަހަރުމަތިން އަލީ ހަމީދުއާ މުއާމަލާޔް ކޮށްފައިވާނެ ކަމަށާއި، އެގޮތުން ހަވީރު ނޫހުގެ މައްސަލައާއި، ވިލާ އެއާގެ މައްސަލައެއްގައި ވާހަކަ ދައްކާފައި ވާނެ ކަމަށެވެ. ނަމަވެސް، މަޢުމޫން އަބްދުލްޤައްޔޫމް އާ ދުވަހަކުވެސް ދިމާވެފައި ނުވާ ކަމަށާއި، މަޢުމޫނުއާއެކު އެފަދަ އެއްވެސް މުއާމަލާތެއްވެސް ކޮށްފައި ނުވާނެ ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.
ހެކިބަސް ދެމުން ހެކިވެރިޔާ ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށާއި، އެފަދަ މުއާމަލާތަކާ ގުޅޭ ހެކި އުއްތަމަ ފަނޑިޔާރު ފޯނުގައި ހުންނާނެކަމަށްވެސް ނުދެކޭ ކަމަށެވެ.

މި ހެކިވެރިޔާގެ ހެކިބަހާ ބެހޭގޮތުން ޢަލީ ހަމީދު ވިދާޅުވީ، ހެކިވެރިޔާ ބުނެފައިވަނީ ކަނޑައެޅިގެން ހަޤީގަތާ ހިލާފު ވާހަކަތެއް ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތް ފެށުނީންސުރެވެސް މައްސަލައިގެ ހުރިހާ ހަސްމުންވެސް ތަފާތު ކަންކަމުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން މަޢުމޫން ޢަބްދުލްޤައްޔޫމްގެ ޞިއްޙީ ހާލަތު ހުރިގޮތާއި، ވަކީލަކު އައްޔަނުކުރަން އިތުރު ވަގުތު ދީފައި ނުވާކަމުގެ ޝަކުވާ ޝަރީއަތުގައި އުފުލާފައިވެއެވެ. މީގެ އިތުރުން ޝަރީއަތްތަކަށް ތައްޔާރުވާނެ ވަގުތު ލިބިދިނުމަކާ ނުލައި، އަދި އެހެން ކޯޓުތަކިގަޔާއި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަތަކަށް ބެލުމެއްނެތި ކުށުން ބަރީއަވާން މަސައްކަތް ކުރުމަށް އެކަށީގެންވާ ވަސީލަތާއި ވަގުތު ނުދޭކަމުގެ ޝަކުވާވެސް ބޮޑެވެ.

ނަމަވެސް މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ދެ ފަނޑިޔާރުންނާއި މަޢުމޫނުގެ އިޖުރާއީ ނުކުތާތަށް ބަލައިގަތުމެއް ނެތިއެވެ. ނަތީޖާއެއްގެ ގޮތުން މައްސަލައިގައި ވަކާލާތު ކުރެއްވި ނުވަ ވަކީލުން ވަނީ ވަކީލެއްގެ ހައިސިއްޔަތުން އިންސާފަށް ވާސިލު ކޮށްދިނުމަށް ކޮށްދެވޭނެ އިތުރު މަސައްކަތެއް ނެތްކަމަށްބުނެ މައްސަލައިން ތަނާޒުލްވެފައެވެ.

މާދަމާ ރޭވެސް މި ޝަރީއަތުގެ އަޑު އެހުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، އެ އަޑު އެހުމުގައިވެސް އޮންނާނީ ހެކިބަސް ނެގުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލީ

    ސަދޫމް ޖަސްޓިސް

    • Anonymous

      ސަދޫމް ދަންނަ މީހުންނަށް އެނގޭނެ ބަޣާވާތް ކުރުމަކީ މަރުގެ އަދަބު އިސްލާމް ދީނުގައި ހުއްދަ ކުށެއްކަން.

    • Anonymous

      ތިއީ މުސްލިމުންގެ ޖަމާއަތުގެ މީހުން ކުރާނެ ތުހުމަތެއްނޫން. ލާދީނީ މީހުންނަކީ ތެދުބުނާ ބައެއްނޫން. މުސްލިމުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވާ ފަސާދަ ކުރާ މީހުންގެ ވާހަކަތައް ތިއީ

  2. އަދުރޭ

    ތިޔައީ ސަދޫމުގެ ވެިރޔާ ޔާމީނުގެ ހަރުކަށި އޯޑަރު!!!!!!!!!

  3. ނާކާމިޔާބުވި ބަޣާވާތް

    ގާނޫނީ ވަކީލުން އަމިއްލަށް ބޭރުވީ. އެހެންވީމާ ވާނެ ހައެތި ތިވަނީ.

  4. ސަމީރު

    ޤާނޫނާއި، އިންސާފުގެ ވާހަކަ އަހަރެމެން ދައްކާއިރު މި ބިމިގައި އިންސާފެއް ހަމައެއް ލަމައެއް އެބައޮތްބާ؟