ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރ ފިލިޕް ކުޓީނިއޯ އެ ކްލަބް ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުމާއެކެ މެންޗެސްޓާ ޔުނައިޓެޑުން އެލާޓަށް އަރައި، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މިހާރު ބްރެޒިލްގައި ކުރިއަށްދާ ކޮޕަ އެމެރިކާ މުބާރާތުގައި އެ ޤައުމު ތަމްސީލް ކުރަމުން އަންނަ ކުޓީނިއޯ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ ބާސާ އާއި އެކު ކޮންޓްރެކްޓެއް އެބަ އޮތް ކަމަށާއި އޭނާ ބޭނުންވީ އެ ކްލަބާއި އެކު ކުރިއެރުންތަކެއް ހޯދަން ނަމަވެސް، މިހާރު ކަންތައް ވާނޭ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ.

" ބާސާ އާއި އެކު ހަދާފައި އޮތް ކޮންޓްރެކްޓެއް އެބައޮތް. އަހަރެން އަބަދުވެސް ބޭނުންވީ ކްލަބާއި އެކީ ކާމިޔާބީތައް ހޯދަން. އެކަމަކު މިހާރު ނޭނގޭ ވާނެ އެއްޗެއް ބުނަން. މިވަގުތު ވިސްނުން ހުރީ ކޮޕަ އެމަރިކާ އަށް. ބާސާ އާއި އެކު ވާނޭ ގޮތެއް ބުނާކަށް ނޭނގޭ. މިއީ ހަގީގަތަކީ" ކުޓީނިއޯ ބުނެފައި ވެއެވެ.

މިދިޔަ އަހަރު ލިވަޕޫލް އިން ބާސާ އަށް ގުޅުނު ކުޓީނިއޯ އަށް އެ ކްލަބުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ކްލަބުގެ ސަޕޯޓަރުން ވަނީ އޭނާގެ ކުޅުމާއި މެދު ހިތްހަމަ ނުޖެހޭކަން ފާޅުކުރަމުން އޭނާ އަށް ފުރައްސާރަވެސް ކޮށްފައެވެ.

ކުޓީނިއޯވެސް އޭނާ އަށް މިދިޔަ ސީޒަނުގައި ރަނގަޅަށް ނުކުޅެވޭކަމަށް އެއްބަސްވެފައި ވާއިރު، ރިޕޯޓްތައް ބުނާ ގޮތުން މި ޓްރާންސްފާ މާކެޓުގައި ބާސާ އިން ކޮޓީނިއޯ ވިއްކާލާނެއެވެ.