ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅޭ އިންޓަލިޖެންސް މައުލޫމާތު ކުރިން ލިބި ފިޔަވަޅު އަޅާފައި ނުވާތީ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ އަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވަމުން އަންނަ ދަޑިވަޅެއްގައި އޭނާގެ މަޤާމުން އިސްތިޢުފާ ދީފިއެވެ.

ބޮމުގެ ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ކުރިން ލިބި ފިޔަވަޅު ނޭޅި މައްސަލަ ވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ލަންކާގައި ބޮމުގެ ހަމަލާ ދޭންް އުޅޭކަމުގެ އިންޓަލިޖެންސް މައުލޫމާތު 10 ދުވަސް ކުރިން ލިބުނު ނަމަވެސް ފަރާތުން އެ މައުލޫމާތު ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ހިއްސާކޮށްފައެއް ނުވާ ކަމަށް އެދެބޭފުޅުން ވިދާޅުވެފައިވެއެވެ.

ލަންކާގެ ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ލަންކާގެ ދިފާޢީ އިދާރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށާއި މިގޮތުން ކުރިޔަށް އޮތް ހަފްތާއެއްގެ ތެރޭގައި އެބަދަލުތައް ފެނިގެންދާނެ ކަމަށެވެ.

މިދިޔަ އާއްދީތަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާ، ލަންކާ ސަރުކާރުން ތުހުމަތުކޮށްފައި ވަނީ އެ ގައުމުގެ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތަށެވެ. ނަމަވެސް އައިއެސް ޖަމާއަތުންވަނީ މިހަމަލާގެ ޒިންމާ ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު