ދެކުނު އޭޝިއާ ސަރަޙައްދުން ބޭ އޮފް ބެންގާލްގައި އުފެދުނު ބޮޑު ތޫފާނުގެ ބާރު ގަދަވެއްޖެއެވެ.

"ފަނީ"ގެ ނަމުން ނަންދީފައިވާ މި ތޫފާން މިހާރު ދައުރުވަމުން ދަނީ އަވައްޓެރި ސްރީލަންކާގެ އިރުއުތުރުގެ ސަރަޙައްދާއި ދިމާލަށެވެ. ލަންކާގެ މޫސުމާއި ބެހޭ އިދާރާތަކުން ބުނެފައިވާގޮތުގައި އެޤައުމުގެ ސިޓީއެއް ކަމަށްވާ ޓްރިންކޮމަލީގެ އިރު ދެކުނު އައްސޭރިން 670 ކިލޯމީޓަރު ދުރުން ކަނޑުގައި އުފެދި ދައުރުވަމުންދާ މި ތޫފާނުގެ ބާރުމިން މިހާރު ދަނީ އިތުރު ވަމުންނެވެ.

އެ އިދާރާއިން ބުނެފައިވާގޮތުގައި ކުރިޔަށް އޮތް ވަގުތުތަކުގައި އެ ތޫފާނުގެ ބާރުމިން އާދަޔާއި ޚިލާފަށް އިތުރުވެގްނދާނެއެވެ. އެހެންކަމުން ތޫފާނުގެ އަސަރު ކުރިޔަށް އޮތް ވަގުތުތަކުގައި ލަންކާއަށް ކޮންމެވެސް ވަރަކަށް ކުރަން ފަށާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ތޫފާނުގެ ނުރައްކާ އެންމެ ބޮޑަށް އޮތް އިންޑިއާއިން މިހާރު ތޫފާނަށް ތައްޔާރުވަމުންދާއިރު، އެ ޤައުމުގެ އިދާރާތަކުން ބުނެފައި ވަނީ ތޫފާނުގެ ބާރުމިން ނުރައްކާ ވާވަރަށް މަތި ވާނެ ކަމަށެވެ. އެގޮތުން އެޤައުމަށް ތޫފާން އަރާ އިރު، ގަޑިއަކު 200 ކިލޯ މީޓަރު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ތޫފާން ފަނީގެ ނުލައްކަލާއި ގުޅިގެން، މަސްވެރިން ކަނޑުމައްޗަށް ނުނިކުތުމަށް އިންޑިއާ އާއި ސްރީލަންކާގެ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މި ތޫފާނުގެ ސީދާ އަސަރެއް ރާއްޖެއަށް ކޮށްފާނެ ކަމަކަށް ނުބެލެވެއެވެ.