ފްރާންސްގެ ޖަނަވާރުތަށް ބައިތިއްބާ ތަނަކަށް ޒިޔާރަތް ކުރި 2 މީހަކު އެތަނުގައި ގެންގުޅޭ ރައިނޯއެއްގެ ހަށިގަނޑުގައި އެ ދެމީހުންގެ ނަން ޖެހި މައްސަލަ ހޫނުވެއްޖެއެވެ.

35 އަހަރުގެ މި ރައިނޯގެ ހަށިގަނޑުގައި ލިޔެފައިވަނީ "ކެމީލް" "ޖޫލިއެން" ކަމަށް އެތަނުގެ ޑިރެކްޓަރ ވަނީ މައުލޫމާތު ދީފައެވެ. އަދި މިކަން މިހާރު ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

"މިކަމުގެ ސަބަބުން "ނޮއެލް" (ރައިނޯ) އެއްވެސް ކަހަލަ އަނިޔާއެއް ވެފައެއް ނުވޭ. އެހެން ނަމަވެސް މިކަމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް" ޒުލުގެ ޑިރެކްޓަރ ކައިލް ބުންޏެވެ.

އެ ޒުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަލަން އަންނަ ފަރާތުން ކާރިވީމަ ރައިނޯތައް އެމީހުންނާއި ކައިރިވާނެ ކަމަށެވެ. އަދި ބަލަން އަންނަ ފަރާތްތަކަށް އެސޮރުމެންގެ ގައިގައި އަތްލުމުގެ ފުރުސަތުވެސް އޮންނަ ކަމަށެވެ.

ނޮއެލްގެ ހަށިގަނޑުގައި ކުރަހާފައިވާ ފޮޓޯ މީސްމީޑިއާގައި ދައުރުވަމުން އަންނަ ކަމަށް ކައިލް ބުންޏެވެ. އަދި މިކަން ކުރި ބަޔަކު ކޮށްފައިވަނީ އެމީހުންގެ ނިޔަފަތި ބޭނުން ކޮށްގެން ކަމަށްވެސް އޭނާ ބުންޏެވެ. އެމީހުން އެކަން ކުރި މަންޒަރު ކެމެރާއިން ފެންނަ ކަމަށާއި، އެހެންކަމުން އެކަމާއި ގުޅިގެން އެމީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައް މިހާރު ދައުރުވަމުންދާއިރު، އެކަމަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެގެން ގޮސްފައެވެ. އެގޮތުން އެއީ މަޖަލަކަށް ކުރި ކަމެއް ނަމަވެސް، އެފަދަ ކަންކަމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެފަރާތްތަކުން ބުނެއެވެ. ހަމަ އެހެންމެ މި އަމަލު ހިންގި މީހުންނާއި މެދު ހަރުކަށި، އަދި އެހެން މީހުންނަށް ފިލާވަޅަކަށް ވާނެ ވަރުގެ ފިޔަވަޅެއް އެޅުމަށް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

މި ޒުލުގައި ހިނގާދިޔަ ހާދިސާގެ ސަބަބުން މިހާރު ވަނީ ޖަނަވާރުތަކާއި ބަލަންދާ ފަރާތްތަކަށް ބެލުމަށް ވަކި ދުރުމިނެއް ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު