އަނިޔާގެ ސަބަބުން އިނގިރޭސި ކްލަބް އާސެނަލް އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވަޑް އެލެކްސް ލަކަޒަޓް އެއް މަސް ދުވަހަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ އެވެ.

އާސެނަލް އިން އެ ކްލަބްްގެ ވެބްސައިޓްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ދެވަރަކަށް ހަފުތާ ތެރޭގައި ލަކަޒަޓް ކުޅެފައިވަނީ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ރިކަވާ ވަމުން އަންނަނިކޮށް ކަމަށެވެ. އަދި ދާދިފަހުން ހެދި ޓެސްޓް ތަކުގެ ނަތީޖާއަށް ބަލާފައި މިވަގުތު ލަކަޒަޓް އަށް އެންމެ މުހިއްމީ އަލުން 100% ފިޓްނެސް ހޯދުމަށް ގިނައިން އަރާމުކުރުން ކަމަށްވުމާއެކު ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް މަހެއްހާ ދުވަހު ދަނޑުމަތިން ލަކަޒަޓް ނުފެންނާނެ ކަމަށެވެ.

އަނިޔާގެ ސަބަބުން ލަކަޒަޓް ޓީމާއި ދުރަށް ދާން ޖެހުނުއިރު ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު ވެޓްފޯޑް އާއި ދެކޮޅަށް އާސެނަލް ކުޅޭ މެޗުގެ އިތުރުން އެސްޓަން ވިލާއާއި މެންޗެސްޓާ ޔުނައިޓެޑުގެ އިތުރުން ބޯންމައުތްގެ ކުރިމަތިލުން ވެސް ލަކަޒަޓް އަށް ގެއްލިގެންދާނެ އެވެ. މީގެ އިތުރުން ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި އާސެނަލް ކުޅޭ ދެ މެޗާއި ލީގު ކަޕުގައި ނޮޓިންގްހަމް ފޮރެސްޓްއާއި ދެކޮޅަށް އާސެނަލް ނުކުންނަ މެޗު ވެސް ލަކަޒަޓް އަށް ގެއްލޭނެ ކަމަށް ބެލެވެ އެވެ.

މީގެ ދެ އަހަރު ކުރިން ފްރާންސްގެ އޮލިމްޕިކް ލިއޯން އިން އާސެނަލް އަށް ބަދަލުވި ފަހުން އުމުރުން 28 އަހަރުގެ ފޯވަޑް އަންނަނީ އާސެނަލް ޖާޒީގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އާސެނަލް ސަޕޯޓަރުންގެ މެދުގައި މިހާރު އެންމެ އެންމެ މަގްބޫލު އެއް ކުޅުންތެރިއާ ލަކަޒަޓް ވަނީ އެޓީމަށް މިހާތަނަށް 70 އަށްވުރެ ގިނަ މެޗު ކުޅެދީފަ އެވެ.

ސަޕޯޓަރުންގެ ފޭވަރިޓް އެލެކްސް ލަކަޒަޓް އަކީ އާސެނަލް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާކަން ފާހަގަކޮށްލެވެ އެވެ. މި ސީޒަންގައި މިހާތަނަށް ކުޅުނު ތިން މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހާފަ އެވެ. އޭގެ ތެރޭގައި އެންމެ ފަހުން ވާދަވެރި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ބަލިވަމުންދަނިކޮށް އާސެނަލް އިން ފަހަތުން އަރައި 2-2 އިން އެއްވަރުކުރި އިރު އެ މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ލަކަޒަޓް އެވެ.