ސިއްހީ ދާއިރާގައި ކުރާ މަސައްކަތަކީ ހަމަ އެކަނި ލިޔެދޭ ބޭސް ސިޓީއެއް ނޫންކަމަށް ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އައިޖީއެމްއެޗްގައި މިއަދު ބޭއްވުނު މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ ދަސްވެނިމުމުގެ ހަފްލާގައެވެ. މި ރަސްމިއްޔާތުގައި މި ޕްރޮގްރާމްއިން ފާސްވި 5 ދަރިވަރަކަށް މިނިސްޓަރ އަލީ ޝިޔާމް ވަނީ ސެޓްފިކެޓް ހަވާލު ކޮށްދީފައިވެއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދީ ވާހަކަ ދައްކަވަމުން މިނިސްޓަރ އަލި ޝިޔާމް ވިދާޅުވީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެންމެންނަކީ މީހުންނަށް އަޅާލާ، ހުލްގު ހެޔޮ އެހެން މީހުންގެ އިހްސާސްތައް ދެނެގަންނަ އޯގާތެރި ބަޔަކަށް ވާންވާނެކަމަށެވެ. އަދި އުފާވެރި ހިތްހަމަޖެހޭ މާހައުލާކާއި ފެނވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ތައުލީމީ ތަޖުރިބާގެ އިތުރުން އޯގާތެރިކަމާއި އެކީ ހިދުމަތް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އައިޖީއެމްއެޗްގައި ބޭއްވުނު މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ ދަސްވެނިމުމުގެ ހަފްލާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިއީ އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ ދަސްވެނިމުމުގެ 2 ވަނަ ބެޗެވެ.

މި ހަފްލާ ޝަރަފު ވެރި ކޮށްދީފައިވަނީ މިނިސްޓަރ އަލީ ޝިޔާމްއެވެ. އަދި އެ އޮފީހުގެ އަންޑަރ ސެކަޓްރީ މުހައްމަދު ހުނައިފުގެ އިތުރުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމާއި، ޑިރެކްޓަރ އޮފް މެޑިކަލް ސާރވިސެސް ޑރ. އަލީ ނަޒީމް އަދި ޑިރެކްޓަރ އޮފް މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ޑރ. ނިޔާޝާ އިބްރާހީމް ވެސް ވަނީ ހަޕްލާގައި ބައިވެރިވެ ވަޑައިގަންނަވައިފައެވެ.

އައިޖީއެމްއެޗްގައި ބޭއްވުނު މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ ދަސްވެނިމުމުގެ ހަފްލާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ރާއްޖޭގައި މިހާރު ވޯކްއެކްސްޕީރިއެންސް ހޯދުމުގެ އިތުރުން ޑޮކްޓަރކަން (އެންމްބީބީއެސް) ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތުވެސް ވަނީ ފަހިކޮށްދިފައެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި މިކުދިން ކިޔެވުމަށް ވަކިން ކްލާސްތައް ހަދާފައިވާއިރު އަމަލީ މައިދާނުގައި މަސައްކަތް ކުރުމަށް ބޭނުންކުރާ ގިނަ ވަސީލަތްތައް ކުދިންނަށް ބޭނުންކުރަން ލިބެން ހުރެއެވެ. އަދި ކިޔެވުމުގެ އިތުރުން މަސައްކަތުގެ ދާއިރާގައި އައިޖީމްއެޖްގައި މަސަައްކަތްކޮށް އެކި އެކި ތަޖުރިބާތައް ހޯދުމުމަށްވެސް ކުދިންނަށް ފުރުސަތުލިބިޔެވެ. މި ސަރުކާރުން ހިލޭ ޑިގްރީއާއި ހިސާބަށް އެންމެންނަށް ކިޔެވޭނޭ ފުރުސަތު ފަހި ކޮށްދީފައިވާއިރު ޑްކްޓަރ ކޯސްވެސް މި މަޝްރޫއުގެ ތެރެއިން ހިލޭ ކިޔެވޭނެއެވެ.