މާލޭގައި ރޭ ހިނގި ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ރާއްޖެޓީވީއިން ޚާއްސަ ޓެލެތޯނެއް ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.

ރާއްޖެޓީވީގެ އެގްޒެކެޓިވް ޑިރެކްޓަރ ނާޒްމީ ސައީދު ވިދާޅުވީ މި ޓެލެތޯނަކީ ކެމިކަލް ގުދަނުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ރާއްޖެޓީވީއިން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯނެއް ކަމަށެވެ.

މިޓެލެތޯން 24 ގަޑިއިރަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ޓެލެތޯން ފަށާނީ މިރޭ 9:00 ޖަހާއިރުކަމަށް ވެސް ރާއްޖެ ޓީވީ އިން މައުލޫމާތު ދީފައިވެއެވެ.

"މި ޓެލެތޯނަކީ ރޭ ހިނގާދިޔަ ހިތާމަވެރި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓެލެތޯންއެއް. އެހީވާން ބޭނުންވާ މީހުން ފައިސާގެ ގޮތުގައި އަދި އެކައުންޓް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ." ރާއްޖެޓީވީގެ އެގްޒެކެޓިވް ޑިރެކްޓަރ ނާޒްމީ ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހީވާން ބޭނުންވާ ފަރާތްތަކަށް ފަންޑު ފޮއްޓަށް ފައިސާ އެޅެން ވެސް ހުންނާނޭ ކަމަށެވެ. އެކައުންޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް ފައިސާ ޖަމާކުރެވެނެ ކަމަށާއި ރާއްޖެޓީވީގައި ބަހައްޓާފައި ހުންނަ ފޮއްޓަށްވެސް ފައިސާ ލެވޭނެ އިންތިޒާމް މިރޭގެ 9 އިން ފެށިގެން ހަމަޖެހިގެން ދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޓެލެތޯންގައި ރާއްޖެޓީވީއަށް ލިބޭ ފައިސާ ހަވާލު ކުރަން ހަމަޖެހިފައިވަނީ ރެޑްކްރިސެންޓާއި ކަމަށް ރާއްޖެޓީވީއިން ބުނެއެވެ.

އަލިފާނުގެ ހާދިސާގައި ދިހަ އިމާރާތެއް އަނދާ ހުލިވެފައި ވާއިރު 400 އަށް ވުރެ މީހުން ވަނީ ހާލުގައި ޖެހިފައެވެ.