އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ދިވެހި ސިފައިންގެ ކްލަބުގެ ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ކްލަބް ރައިވެރިޔާގެ އައިޝަތު ހިމްނާ ހަސަން ހޯދައިފިއެވެ.

ސާއިދު އަކީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް އެތުލީޓެވެ. މިފަހަރު ބޭއްވި މުބާރާތުން ސާއިދު އެއްވަނަ ހޯދާފައިވަނީ 100 މީޓަރު ދުވުމާއި 400 މީޓަރު ދުވުން ކާމިޔާބުކޮށްގެންނެވެ.

ހިމްނާ ވަނީ މިދިޔަ އަހަރު ބޭއްވި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ދެ ފަހަރު އާކޮއްފައެވެ. އަދި އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުން އަދި 400 މީޓަރު ދުވުމުން އެއް ވަނަ ހޯދައިގެންނެވެ.

އިއްޔެ ހަވީރު ބޭއްވި ރޭސް ހިމްނާ ކާމިޔާބު ކޮއްފައިވަނީ 1:02 މިނެޓުންނެވެ. ދެވަނަ ހޯދާފައިވަނީ ތިނަދޫ ޒުވާނުންގެ ޖަމިއްޔާގެ ފަތިމަތް މިލްހާއެވެ. އެއީ 1:10 މިނަޓުންނެވެ. އަދި މި ރޭހުގެ ތިން ވަނަ އަށް ގޮސްފައިވަނީ ޖީއެން ވޮލަންޓިއާސްގެ ފާތިމަތު ސަދާ އެވެ. އޭނާ ނިންމާފައިވަނީ 1.11 މިނެޓުންނެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ މި މުބާރާތުގެ އޯޕަން ފިރިހެން ބައިގެ 400 މީޓަރު ދުވުމުން އެއް ވަނަ ހޯދީ މުހައްމަދު ނާއިލެވެ. ސާއިދު ސްޕޯޓްސް އަށް ދުވި ނާއިލް ރޭސް ނިންމައިފައިވަނީ 52.52 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ އެ ޓީމުގެ އިބްރާހިމް އަޝްފާން އަލީ (އައްޕި) ރޭސް ނިންމާފައިވަނީ 53.82 ސިކުންތުންނެވެ. ތިން ވަނަ އަކީ ކްލަބް ރައިވެރިޔާގެ މުހައްމަދު ނާވީއެވެ. ޓައިމިން އަކީ 54.15 ސިކުންތެވެ.

އިއްޔެ ހަވީރު އޮތް އޯޕަން ފިރިހެނުންގެ 1500 މީޓަރު ދުވުން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން ރިޒާއެވެ. އޭނާ ދުވެފައިވަނީ 4:15 މިނެޓުންނެވެ. ދެ ވަނަ ހޯދާފައިވަނީ އެކްލަބުގެ ހުސެއިން ފަޒީލް ހާރޫނެވެ. ގަޑި އަކީ 4:20 މިނެޓެވެ. ތިން ވަނަ އަށް ދިޔައީ 4:22 މިނެޓުން ދުވި ސިފައިންގެ ކްލަބުގެ މުހައްމަދު ރަޝީދު (މޯޑް) އެވެ.

އަންހެން 1500 މީޓްރު ދުވުން ކާމިޔާބު ކޮއްފައިވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އައިމިނަތު ޖާއިޝާ ޖުނީޒެވެ. ޓައިމިން އަކީ 5:27 މިނެޓެވެ. ދެ ވަނަ ހޯދީ 5:28 މިނެޓުން ދުވި ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރިޔަމް އަބްދުލްކަރީމެވެ. ތިން ވަނަ އަށް ގޮސްފައިވަނީ 6:24 މިނެޓުން ދުވި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޒުލައިޚާ އަބްދުﷲއެވެ.