ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ.އަތޮޅުކެންދޫ ދާއިރާގައި ބެހެއްޓި ވޯޓް ފޮއްޓެއް ބާތިލްކޮށް، އަލުން އެފޮއްޓަށް ވޯޓުލުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ޝަކުވާގެ ގޮތުގައި އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކީ ކެންދޫ ވޯޓުލާ މަރުކަޒުގައި ބެހެއްޓި ވޯޓު ފޮށި ނަމްބަރު F03.03.1، ވޯޓު ފޮއްޓާ ގުޅޭ ޝަކުވާތަކެކެވެ،

އެމްޑީޕީން ހުށަހެޅި ޝަކުވާތަކުގައި ތެރޭގައި ހިމެނެނީ، ގަޑިއަކު އެއްފަހަރު ވޯޓު ލަމުންދާ މީހުންގެ ތަފްސީލް ހާމަކުރަން އޮންނަ އުސޫލުގެ ދަށުން މެންދުރު 14:00 ގައި ވޯޓް ފޮއްޓަށް ވޯޓްލި ކަމަށް އިއުލާން ކުރީ 377 މީހުން ކަމަށެވެ. ނަމަވެސް އޭރު ކިޔު ނަމްބަރު 377 ވޯޓުލާފައި ނުވާކަމަށާއި ވޯޓުލާފައިވާ މީހުންގެ ކިޔޫ ނަމްބަރަށްވުރެ އިތުރަށް އެ ވޯޓް ފޮއްޓަށް ވޯޓުލާފައިވާކަން އެވަގުތު އެ ވޯޓު ފޮއްޓާ ހަވާލުވެހުރި ވެރިޔާގެ ސަމާލުކަމަށް ގެނައި ނަމަވެސް ވޯޓުލުން ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނާ ގޮތުގައި ވޯޓު ފޮށި ކައިރީ އޮންނަ ޝީޓާއި ވޯޓާސް ލިސްޓާއި އިނގިލީގައި ފާހަގަޖަހާފައި މާކުކުރާ ލިސްޓާއި ކިޔު ނަމްބަރު ދޫކުރި ލިސްޓާއި އެއްޝީޓް އަނެއް ޝީޓް ދިމައެއް ނުވެއެވެ.

ވޯޓްލާފައިވާ ކަމަށް ބުނެ މާކުކޮށްފައިވާ ލިސްޓްގައި ވޯޓްލާން ގޮސްފައިނުވާ މީހުންގެ ނަމާ ދިމާލުގައި މާކު ކޮށްފައި ހުރުމާއި 18:00 ގައި، ވޯޓުލުން ބަންދުކުރިފަހުން ވޯޓްލާ މަރުކަޒުގެ އޮފިޝަލެއް 18:03ގައި ވޯޓުލާފައި ވުމާއި، ވޯޓު ކަރުދާސްކޮޅުތަކުގެ ކައުންޓާ ފޮއިލްކޮޅުތަކާއި ބާކީ ހުރި ވޯޓު ކަރުދާސްތައް ދައްކާފައިނުވާ ކަމަށްވެސް އެމްޑީޕީން ހުށަހަޅާފައިވާ ޝަކުވާގައި ބުނެފައިވެއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ކެންދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަލީ ހުސައިން އެވެ.

އެމްޑީޕީން ބާތިލް ކުރަން އެދިނު އެ ވޯޓު ފޮށީގެ ނަތީޖާ ދައްކާގޮތުން އަލީ ހުސައިންއަށް 287 ވޯޓް ލިބިލައްވާފައި ވެއެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް 66 ވޯޓް ލިބިލައްވާފައިވާއިރު، އަމިއްލަ ކެންޑިޑޭޓް އަހުމަދު ރިޒާއަށް 141 ވޯޓް ލިބިލައްވާފައި ވެއެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު، ޖޭޕީގެ ކެންޑިޑޭޓް އަލީ ހުސައިން އިންތިހާބު ވެފައި ވަނީ 929 ވޯޓުން ނެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 802 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓް އަހުމަދު ރިޒާއަށް 700 ލިބިފައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙައިޓޮމް

    ވޯޓު ބާތިލުކުރާނެވަރުގެ އެއްވެސް މައްސަލައެއް ނެތް. ޢުޅެނީ ކައުންޓަރފޮއިލްގެ އަދަދު ޖަހާފައިނެތް މައްސަލައެކަނި. ޢެހެންވެ ޝީޓުތައް5 ދިމާނުވިކަން. ޥޯޓުފޮށިގެނެސް އަލުންގުނާލީމަ ތިކަންއޮންނާނީ ނިމިފައި. މާކަންތައްބޮޑުކޮށް މައްސަލަހޫނުކުރަން ނޫޅެއްޗޭ!!

    19
    3
  2. ޞިރާޠު

    ރިޔާސީ އިންތިޚާބުގައި ހަދާފައިހުރި ބޮޑަތި މަކަރުތަކަކީ މުޅި އިންތިޚާބު ބާޠިލްކޮށް އަލުން އިންތިޚާބު ބާއްވަން ޖެހޭވަރުގެ މަކަރުތަކެވެ.
    1. އީސީ ގެ ރައީސްގެ އެކައުންޓަށް 7 މިލިޔަން ރުފިޔާ ޖަމާވިކަމުގެ ލިޔެކިޔުންތައް ލީކުވުމާ އީސީގެ ވެރިން އަވަސްއަވަހަށް ބޭރަށްކުރި ދަތުރުތައް
    2. އީސީގެ ރައީސްގެ ސާފް އޯޑިޔޯއެއްގައި އންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަން ސާފްކޮށް އެގެން އޮތުން
    3. ކޮމްޕްލެއިންސް ބިޔުރޯތައް ހުއްޓާލާ އެކިތަންތަނަށް ބަދަލުކުރުން
    4. ވޯޓުފޮށީގެ ނަތީޖާ ސާފްކޮށް ، އޮފިޝަލުން ސޮއިކުރުމުގެކުރިން ކާލިގަނޑުން ނަތީޖާ އިޢުލާންކުރަމުން ގެންދިޔުން
    5، ޝަރުޢީ ކޯޓުތަކުގައި މައްސަލަތައް އޮއްވާ ވޯޓުކަރުދާސްތަކާ ލިޔެކިޔުންތައް ނައްތައިލުން
    6، 8000 މީހުންގެ އައިޑެންޓިޓީކާޑު 2000 ރުފިޔާއަށް ކާޑެއްމަގުންގަނެ ވޯޓުލިޔަނުދީ ހިފެހެއްޓުން
    7. ރީރެޖިސްޓްރޭޝަނަށް ހުށައެޅި 15000 ފޯމު ނަގާލާ އެމީހުން ވޯޓުން މަޙްރޫމްކުރުން

    މިވާހަކަވެސް ދައްކާބަލަ

    45
    4
  3. ސިރާތަށް

    ރިޔާސީ އިންތިހާބުން ބަލިވިކަން އަދިވެސް ޤަބޫލު ނުކުރެވެނީތޯ؟

    2
    15
  4. ލަކޫ

    މައްޗަން ގޯޅީ މެދު ދާއިރާގެ ވޯޓް ފޮށި ބާތިލް ކޮށް އަލުން ވޯޓް ލާން ޖެހެނީ ބަޔަކު ރިޝް ވަތު ދީފައިވާ ކަމަށް ރައީސު ނަޝީދު ވިދާޅު ވެފައިވާތީ އެފޮތްޓަށް ވޯޓް އެޅި ވޯޓް ސައްހަ ނުވާނެތީ !

    14
  5. ބޯއީމޭން

    ތިޔަ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ. ތީ ހުސް ބާތިލް ވާހަކަ. އަޑުގަދަ މީހާ ރުއް ގިނަވާނެ. ޝަރީފު އަށް އެނގޭނެ ޝަރީފު ކަމެއް ކުރިއްޔާ. އާޚިރުގަ އެކަން ދައްކަވާނެ. އަދި ކުރި މަގުގައިވެސް އެކަން އެބަޔަކަށް ދައްކަވާނެ. ވަގުން އެހެން ޕާޓީ ތަކުން ދުރުކޮށްދީ. އޭރުން ދެންވެސް އިންތިހާބެއް ކާމިޔާބުވާނީ

    2
    5