ގަވާއިދާ ޚިލާފު ވެގެން، ފުލުހުން މިހާތަނަށް ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 79 އުޅަނދެއް މިއަދު ނައްތާލައިފި އެވެ.

ފުލުހުން ވިދާޅުވީ އުޅަނދުތައް ނައްތާލާފައި ވަނީ އުޅަނދުތައް ނައްތާލުމުގެ ކުރިން ދޭން ޖެހޭ ފުރުސަތުތައް ދިނުމަށް ފަހުގައި ކަމަށެވެ.

އުޅަނދުތައް ނައްތާލުމުގެ ކުރިން 60 ދުވަހުގެ މުހުލަތެއް އުޅަނދު އަނބުރާ ގެންދަން ވެރިފަރާތައް ދޭން ޤާނޫނު ލާޒިމް ކުރިއެވެ.

މިއަދު ފުލުހުން ނައްތާލީ 64 ސައިކަލާއި ހަތަރު ފުރޮޅުލީ 10 އުޅަނދާއި ފަސް ބައިސިކަލް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭގެ ތެރޭގައި ގިނައީ ޕާކިން ޒޯނުތަކުގައި ބަހައްޓާފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އުޅަނދުތަކެވެ.

ހަތަރު ފުރޮޅުލީ 30 އުޅަނދާއި 200 ސައިކަލް ޓްރެފިކް ޕޮލިހުން އާންމުކޮށް ކޮންމެ މަހަކު ޓޯކުރާ ކަމަށް ފުލުހުން ވިދާޅޔވެއެވެ. އޭގެ ތެރެއިން ގިނަ އުޅަނދު އަނބުރާ ގެންދެއެވެ.

ޓޯ އުޅަނދުތައް އަނބުރާ ހަވާލުކުރާނީ ގަވާއިދާ ހިލާފަށް ޕާކުކުރުމުން، ޓޯ ކުރަން ނަގާ ޖޫރިމަނާ ސަރުކާރަށް ދެއްކުމުންނެވެ. ފުރަތަމަ ފަހަރަށް އުޅަނދެއް ޓޯކުރާ ނަމަ ޖޫރިމަނާ ކުރާނީ 250ރ. އިންނެވެ. ނަމަވެސް އެ ކަން ތަކުރާރު ވާ ނަމަ، ޖޫރިމަނާ އިތުރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދެ އެވެ.

ޓޯ ކުރާ އުޅަނދުތައް ނައްތާލުމުގެ ބަދަލުގައި އެހެން ގޮތަކަށް ބޭނުން ކުރަން ބައެއް ފަރާތްތަކުން ޚިޔާލުފާޅުކޮށްފައި ވެއެވެ. ބައެއް މީހުން ބުނެފައި ވަނީ ނައްތާލުމުގެ ބަދަލުގައި ރީ އެކްސްޕޯޓް ކުރުން ފަދަ ކަމެއް ކޮށްގެން ސަރުކާރަށް އާމްދަނީއެއް ވެސް ހޯދިދާނެއެވެ. ނަމަވެސް ޤާނޫނު އޮތްގޮތުން މިހާރު އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    ތިޔަހެން ނަހަދާ އަގުހެޔޮކޮށް ރައްޔިތުންނައް ވިއްކަ ބަލަ. ހަމަ ސަރުކާރަށް ލިބޭ ލާރި އެއްނޮއް އެއީ. މިކަމާ ސަރުކާރުން ވިސްނަ ބަލަ.

    14
    3
  2. ޒިމްޒިމް

    ތިތާގައި އެބަހުރި ރަގަޅު ކަންޑިޝަންގައި ހުރި ބައިވަރު ވެހިކަލް ނައްތާލުމަށްވުރެ ރަގަޅު ދައުލަތަށް ތި އުޅަނދުތައް ނެގިޔަސް.. ޕިކަޕްލޮރީ ފަދަ ތަކެތި ރަށްރަށުގެ ކުނިއުކާލަން ކައުންސިލްތަކަށް ދިނަސް ކިހާ ރަގަޅު..

  3. ޖަމާލު

    ނޫން ނައްތާލުން ރަނގަޅީ މީހުންދުއްވަންވެސް އެބަގެންގުޅެ ނައްތާލާ ފެންވަރު ވެހިކަލް އަދި ތަންތާޕާކުކޮށްފަވެސް އެބަހުރި އެފެންވަރުގެ ވެހިކަލް މިހުރިހާ ތަކެއްޗެއް ހަމަ ނައްތާލަންވީ ރަންގަޅު ޖުރިމަނާ ނުދެއްކެންޏާ ވެހިކަލް ނުދުއްވަ މަޑުން ތިބެބަލަ..