މަންދީރާއިން އަަރަމުން އަންނަ ތަރި، މިހާރު މިދަނީ ބޮޑުބެރުގައި ފިޔަފަޅަމުންނެވެ. އުމުރުން ހަނގު ނަމަވެސް ހުނަރުވެރިކަން މުޅި ރާއްޖެއަށް ދައްކައިދިނުމަށް ކުރަމުންދަނީ ބުރަ މަސައްކަތެކެވެ. ބޮޑުބެރުގެ ދާއިރާގައި ނުކުރާ ކަމެއް ނެތެެވެ. ބޮޑުބެރުގައި އޭނާ ފެށީ "ޒުވާބު"ގަ ނުވަތަ ބެކް ވޯކަލިސްޓަކުންނެވެ.

މިއީ ފ. ބިލަތްދޫ ޒައިދާން އިބްރާހިމް ރުޝްދީއެވެ. މި ކިޔާދެނީ އޭނާގެ ވާހަކައެވެ. އެތައް މަސައްކަތަކުން ބޮޑުބެރުގެ ދުނިޔޭގައި ޒައިދާން ފައިހަމަ ކުރަމުންދާ ވާހަކަ އޭނާ ކިޔައިދިނެވެ.

ޒައިދާންއަކީ ޓުއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. ޒައިދާންގެ ބޮޑުބެރުގެ ފެށުމަކީ 2010 ވަނަ އަހަރު އޮތް ބޮޑުބެރު ޗެލެންޖެވެ. އެއީ ބޮޑުބެރު ހަޔާތުގެ ފެށުމެވެ. ބޮޑުބެރަށް ލޯބި ޖެހުނު ހިސާބެެވެ. އެ ޖެހުނު ލޯތްބާއެކު ދާއިރާއިން ދުރުވާކަށް ހިޔާލެއްވެސް ނުކުރެއެވެ. ދެވެން އޮތް އެންމެ ކުރިއަަކަށް ދިއުމަކީ އޭނާގެ އަޒުމެވެ.

ޒައިދާން

"އަސްލު ބޮޑަށް ބޮޑުބެރު ގުރޫޕްތަކުގެ ހުނަރުތަކާއި އެއްޗެހި ފެނުނީމަ. ދެން އޭރު އެންމެ ކަމުދާ ގުރޫޕަކަށް އިންނާނީ ހަރުބީ، މިހާރު މަންދީރާ ދޫކޮށްލާފައި ނެތް ދެވޭކަށް". ޒައިދާން ބުންޏެވެ.

ޒައިދާން ބުނީ، ބޮޑުބެރަށް ޝައުގުވެރިކަން އުފެދުނު އިރު، ރާއްޖޭގައި ބޮޑުބެރު އެހާ އާއްމުވެފައި ނެތް ކަމަށެވެ. ނަމަވެސް އެ އުފެދުނު ޝައުގުވެރިކަމާއެކު ބޮޑުބެރު ޖެހުމާއި، ލަވަ ކިޔަން ބޭނުންވިކަމަށް ޒައިދާން ބުންޏެވެ.

ޒައިދާން - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"އެ ދެ ކަންތައް ދަސްކުރަން އޭރު ބޭނުންވީ. އޭރު އެކަމަކު ޖަހައެއް ނޫޅެން އޭރު އިންނާނީ ފުޓްބޯޅަ ދާއިރާއަށް އިންޓްރެސްޓް. ބައްޕައީ އަތޮޅަށް ވަރަށް ފުޓްބޯޅައަށް މޮޅު މީހެއް". ޒައިދާން ބުންޏެވެ.

ޒައިދާން ބުނީ، އޭނާ މާލެ އައި ހިސާބުން އެންމެ ފުރަތަމަ ބެރު ޖަހަން ދިޔައީ ދަންމާނު ބޮޑުބެރު ގުރޫޕަށް ކަމަށެވެ. އަދި އެއީ މޮޅު ބައެއްގެ ގޮތުގައި ޒައިދާން ސިފަކުރިއެވެ. ޒައިދާން މަންދީރާއަށް ބަދަލުވީ އަމިއްލަ ކުރިއެރުމަށް ވިސްނާފައިކަމަށް ޒައިދާން ބުންޏެވެ. ޒައިދާން ބުނީ، ދަންމާނުގައި އުޅުނުއިރު ކުރިއަރަމުންދާތަން ނުފެނުނު ނަމަވެސް، މަންދީރައިގެ ވާހަކަ ތަފާތު ކަމަށެވެ.

"ދެން ފެނުނީ މަންދީރާގެ އެފްބީ ޕޭޖްގައި ޖަހާލާފައި އިނީ ޕޯސްޓެއް. ކުދިން ބޭނުންވާ ވާހަކަ، އެ ގުޅައިގެން އިންޓްރެސްޓް ހުރި ވާހަކަ ބުނެފިން". މަންދީރާއަށް ވަދެވުނު ގޮތް ކިޔާދެމުން ޒައިދާން ބުންޏެވެ.

ޒައިދާން މަންދީރާގެ މެންބަރަކާއެކު

ޒައިދާން މަންދީރާއާ ގުޅުނުފަހުން މިވީ 10 ވަރަަކަށް މަސް ކަމަށާއި، އޭނާއަށް ލިބުނީ ދެވަނަ އާއިލާކަމަށް ޒައިދާން ސިފަކުރެއެވެ. މަންދީރާ މީހުންގެ ގުޅުން ޒައިދާނަށް ހާއްސަވެސް މެއެވެ.

"މަންދީރާ މިއީ ސެކަންޑް ފެމަލީ، އަސްލު މަންދީރާގައި މިވީ ނުވަ ދިހަ މަސް ތެރޭގައި ބޮޑުބެރަށް ލޯބިޖެހުނީ މަންދީރާގެ ސަބަބުން. ވަރަށް ނުފެންނަ އެއްޗެއް މަންދީރާގެ ތެރޭގައި ފެންނާނެ. އެކީގައި އުޅުމާއި، ފަންކޮށްލާ ބެރު ޖަހާލާ". ޒައިދާން ބުންޏެވެ.

އޭނާ ފާހަގަކުރިގޮތުގައި، ބޮޑުބެރު ދާއިރާއަށް ވަންއިރު ލަވަކިިޔާ، ބެރު ޖަހަން ވެސް ނޭގެއެވެ. ދަންމާނަށް ވަދެ ފުރަތަމަ ބެރެއްގައި ޖަހާލަން ދަސްކޮށް، ހަމަޖަހާލަން އެނގުނުކަމަށް އޭނާ ބުންޏެވެ. ލަވަވެސް ކިޔަން ފެށީ އެހިސާބުންނެވެ. ނަމަވެސް އޭރު ލަވައިގެ ހަމަތަކުގައި ހިފަހައްޓައިގެން ކިޔަން ނޭގޭ ކަމަށް ޒައިދާން ބުންޏެވެ.

ޒައިދާން ޓީމާއެކު ބެރު ޖަހަނީ

"އެހެންދެން އެއިރު ކިޔާއުޅުނީ ދަންމާނުގައި އުޅުނުއިރު، އެކަމަކު މަންދީރާއަށް އައި ފަހުން މި އެނގުނީ ލަވަ އަސްލު ކިޔަން ޖެހޭ ގޮތް، ވަކި ވައްޓަފާޅިއަކަށް ލަވަ ކިޔަން މި ޖެހެނީ، ދެން އެ އައިޑޮލްގެ ޒަރޭ އާއި ލާރާއާ ދެ މީހުން ތިބީމަ، ވީ ފައިދާ. އެ މީހުންނަށް އިނގޭނެތާ ކިޔަން ޖެހޭ ގޮތް، އެ މީހުން ވަރަށް ބަރާބަރު، ވޯކަލްގެ އެ ދެ މީހުންގެ ސަޕޯޓް ވަރަށް ލިބުނު. އެ މީހުން ކިޔާދިން ވައްޓަފާޅިއަށް މިހާރު މި ކިޔަނީ". ޒައިދާން ބުންޏެވެ.

ޒައިދާނަށް ބެރު ޖަހަން އިނގެއެވެ. ލަވަކިޔަން އިނގެއެވެ. ނަމަވެސް އޭނާ އަދި އެ ދާއިރާތަކުން ނުފެންނަނީ ބޭނުންވާ ފެންވަރަށް އަދި ނުދެވޭތީއެވެ. ނަމަވެސް ބެކްވޯކަލް އިން އޭނާ ފެންނާނެކަމަށް ޒައިދާން ބުންޏެވެ.

ޒައިދާން މަންދީރާގެ މެންބަރަކާއެކު

"ދުވަސްކޮޅަކުން އިރާދަކުރެއްވިއްޔާ ފެންނާނެ ބެރުގެ ލީޑްވޯކަލިސްޓެއްގެ ގޮތުގައި،" ޒައިދާން ބުންޏެވެ.

ޒައިދާން ފާހަގަކުރިގޮތުގައި، ބޮޑުބެރުގެ ދާއިރާގާ އޭނާ ދާން ބޭނުންވާ ވަކި ލެވެލްއެއް އެބައޮތެވެ. އެ ލެވެލްއަކީ "އަހަރެމެންގެ ދޮންބެ އަބްދުﷲ ރައްޒާގް" އޭނާ ހުރި ލެވެލް ކަމަށް ޒައިދާން ބުންޏެވެ.

"މިހާރު ވަރަށް ދަށްކޮށްދޯ އަދި މި ދަނީ. އެކަމަކު ބޮޑުބެރޭ ބުނީމާ އޭނާގެ ނަން ބުނުމުން ނޭގޭ މީހަކު މަދުވާނެ. އެ ލެވެލްއަށް ދާން ބޭނުންވަނީ. ހަމައެކަނި ބެރާއި ލަވަ ކިޔުމެއް ނޫން. މި ދާއިރާގެ ދެވެން އޮތް އެންމެ ކުރިއަކަށް ދާން ބޭނުންވަނީ، ނަށަން ޖެހިއްޖެއްޔާ ނަށާން، އެ ހުރިހާ ކަމަކަށް". ޒައިދާން ބުންޏެވެ.

ޒައިދާން ބެރުޖެހުމުގައި

ޒައިދާން ބުނީ، ރާއްޖޭގައި މި ދާއިރާއިން ކުރިއަށްދެވޭނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ޗެލެންޖް ކުރުމުގެ ބައި ނޯންނަނީ ރާއްޖޭގައި އެފަދަ ޗެލެންޖެއް ނެތުމުން ކަމަށް ޒައިދާން ބުންޏެވެ. ބޮޑުބެރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ޒައިދާން ބުނަން ބޭނުންވަނީ، އެ ދާއިރާއިން ކުރިއަށްދިއުމަށެވެ. އެކަމުގައި ޖެހޭނީ ހިތްވަރު ކުރަން ކަމަށް ޒައިދާން ބުންޏެވެ.

ޒައިދާންގެ އުންމީދަކީ ރާއްޖޭގެ ބޮޑުބެރު ޖައްވުގައި އޭނާގެ އަޑުވެސް ގުގުމާލުމެވެ. މިއަދު ބެކް ވޯކަލިސްޓަކަށް ހުރި ނަމަވެސް، ޒައިދާންގެ އަޑު އަދި ގަދަވާނެއެވެ. ރާއްޖޭގެ ބޮޑުބެރު ލަވައިގައި އާ އަޑަކުން ޒައިދާންގެ އަޑު ގުގުމާނެއެވެ. ހިތްވަރާ ކެރުމެވެ. ހުނަރު ދައްކާލުމަށް ކުރާ ބުރަ މަސައްކަތުންނެވެ.