ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ޓީވީ ސީރީސް، ގޭމް އޮފް ތްރޯންސްގައި ނެޑް ސްޓާކްގެ ރޯލުން ފެނިގެން ދިޔަ ޝޯން ބީން އަށް ކުޅެން ލިބެނީ ހުސް މަރުވާ ކެރެކްޓަރތައް ކަން ހާމަ ވެއްޖެއެވެ.

ޝޯން މަޝްހޫރުވެގެން ދިޔަ ސީރީސް ކަމަށްވާ ގޭމް އޮފް ތްރޯންސްގައިވެސް އޭނާގެ ބޯ ބުރިކޮށްލައި މަރާލާތަން ދައްކައެވެ. އެއީ އަދި އެ ސީރީސްގެ ފުރަޔަމަ ސީޒަނުގައެވެ. މީގެ އިތުރުން ލޯޑް އޮފް ދަ ރިންގް ގައިވެސް އޭނާ މަރާލައެވެ. އެ ސީރީސް ފިލްމުގައި އޭނާ މަރުވަނީ ތީރުތަކެއް އޭނާ ގަޔަށް ހެރިގެންނެވެ. މިއީ އޭނާ އަށް ކުޅެން ލިބުނު ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކާމިޔާބު ދެ ފިލްމެވެ. މި ދެ ފިލްމުގެ އިތުރުން 23 އިތުރު ފިލްމަކުންވެސް އޭނާ ވަނީ މަރާލެވިފައެވެ.

މިކަމާ ޝޯން މިހާރު ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. މާ ގިނައިން މަރުވާ ކެރެކްޓަރތައް ކުޅެން ލިބޭތީ މިހާރު އޭނާ އަންނަނީ އެފަދަ ކެރެކްޓަރތައް ކުޅެން އިންކާރު ކުރަމުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި ދެން ބޭނުންވަނީ ސީރީސް އެއް ވިޔަސް، ސީރީސް ނިމެންދެން ދިރި ހުންނަ ކެރެކްޓަރއެއްގެ ރޯލު ކުޅުމަށެވެ.

އެންމެ އަވަހަށް ޝޯން ފެނިގެންދާނީ ބީބީސީ އިން ދެވަނަ ބޮޑު ހަނގުރާމައިގެ މައްޗަށް ބިނާކޮށް އުފައްދާ ޑްރާމާ "ވޯލްޑް އޮން ފަޔަރ" އިންނެވެ. އެ ފިލްމުގައި އޭނާ މަރުނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު