"ހުނަރުވެނި 2019" ނަމުގައި ފަންނީ މަސައްކަތްތަކާއި ހުނަރު ދައްކައިދޭ ޝޯވއެއް ބޭއްވުމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިނގް އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އިން ނިންމައިފިއެވެ.

މި މަހުގެ 23 އަދި 24 ގައި ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޝޯވއަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން އެ އޮތޯރިޓީން ހިންގާ ޝޯވއެކެވެ.

"ހުނަރުވެނި 2019" މެދުވެރިކޮށް ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތްތަކާއި، އުވިގެން ދިއުމުގެ ބިރު ހީވެފައިވާ އެކި ފަންނުތަކާއި، އަލަށް ތައާރަފްވާ މަސައްކަތްތަކާއި ހުނަރުތައް ދައްކާލުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، މި ޝޯވގެ ހަރަކާތްތަކުގައި ސުކޫލުތަކުގެ ދަރިވަރުންނާއި، ޒުވާނުންނާއި ހުރިހާ އުމުރެއްގެ ދިވެހީންނަށް ބައިވެރިވެވޭނެ ކަމަށާއި، މި ޝޯވގެ މަޤްސަދަކީ އެ ފަރާތްތަކުގެ މެދުގައި މަސައްކަތްތެރި ކަމުގެ ދާއިރާގެ ޝައުޤުވެރިކަން އުފެއްދުން ކަމަށް ޓިވެޓް އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވެއެވެ.

މި ޝޯވގައި ފަސް ދާއިރާއަކަށް މަސައްކަތްތައް ވަނީ ބަހާލެވިފައެވެ. އެގޮތުން އިޖުތިިމާއީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިމާރަތް ކުރުމުގެ ދާއިރާއިން ވަނީ މަސައްކަތްތައް ބަހާލެވިފައެވެ.

ޓިވެޓް އޮތޯރިޓީން ބުނީ ޖޫން މަހުގެ 23 އާއި 24 ވަނަ ދުވަހު 14:00 އިން 18:00 އަށް ހުނަރުވެނި ސުކޫލު ކުދިންނަށް ހުޅުވާލާއިރު، 20:00 އިން 22:00 އަށް އާންމުންނަށް ހުޅުވާލާފައި ހުންނާނެ ކަމަށާއި، މިއީ ވަޒީފާ ހޯދާ ފަރާތްތަކާއި މަސައްކަތްތައް ދަސްކުރާ ފަރާތްތަކަށް މުހިއްމު ފުރުސަތަކަށް ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު