ކުއްޔަށް އުޅުނު ގެއިން ނިކުތުމަށް ގޭގެ ވެރި މީހާ އެންގުމުންވެސް އެކަން ނުކުރުމުން، އެކަން ކުރަން އައި ފުލުހުންނާއި ދިމާލަށް އެމެރިކާ މީހަކު ބަޑި ޖަހައިފިއެވެ.

އެމެރިކާގެ އެންމެ ބޮޑު ސްޓޭޓް ތަކުގެ ތެރޭގައި ހިމެނޭ މިސޫރީގައި މި ހާދިޘާ ހިނގުމަށް މެދުވެރިވީ އެ މީހާގެ ގެ ހުސް ކުރުމަށް ނޯޓިސް ހިފައިގެން 2 ފުލުހަކު ދިޔުމުން އެމީހާ އެކަމާއި އައި ރުޅީގައެވެ. އެމެރިކާގެ އާއްމު ރައްޔިތުން ބަޑި ގެންގުޅުމަކީ އާއްމު ކަމަކަށް ވާއިރު، އެ މީހާ ގެންގުޅުނު ޕިސްޓަލް އިން ވަނީ ދެ ފުލުހުންގެ މެއަށް އަމާޒުކޮށް ބަޑި ޖަހާފައެވެ.

މިކަން ކުރުމަށް ފަހު އެމީހާ ފިލި އިރު، އެ ދެ ފުލުހުން ވަނީ ހެލިކޮޕްޓަރުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމެރިކާގައި ޑިއުޓީގައި ތިބޭ ހުރިހާ ފުލުހުންވެސް ވަޒަން ތަކުން ރައްކާތެރި ވުމަށް ބޮޑީ އާމާ ބޭނުން ކުރާ އިރު، މި ހާދިޘާގައި ވަޒަން އެރި ދެ މީހުންގެ ފުރާނަވެސް ސަލާމަތް ވެފައި ވަނީ ބޮޑީ އާމާގެ ސަބަބުންނެވެ.

މިކަން ކުރި މީހާ ކުށް ކުރުމަށް ފަހު ފިލި ނަމަވެސް، އޭނާ ވަނީ ފަހުން އަމިއްލަ އަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވެފައެވެ. އެމެރިކާގައި މިދިޔަ ހަފްތާ ތެރޭގައިވެސް އާއްމު ރައްޔިތަކު ވަނީ އޭނާ ހައްޔަރު ކުރަން އައުމުން 6 ފުލުހެއް ގަޔަށް ބަޑި ޖަހައި، ދެ ފުލުހަކު 7 ގަޑިއިރު ވަންދެން ރަހީނު ކޮށްފައެވެ. ނަމަވެސް އެމީހާވެސް އިތުރު ގޮތެއް ނެތުމުން އެންމެ ފަހުން ވަނީ އަމާންދީފައެވެ.