އިންޑިއާގެ ޗެލާރި ޓައުންގައި 30 މީހުންވެގެން އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ އެ ކުއްޖާ ރޭޕްކުރަމުންދިޔައީ އޭނާގެ ބައްޕައަށްވެސް އެނގިގެންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ މައްސަލަ ފެންމަތިވެ އެ މައްސަލަތާ ގުޅުން ހުރި ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އަދި މިކަންތައް ފެންމަތިވެފައިވަނީ، ބައެއް އާއްމުން އެ މައްސަލަ އެ ކުއްޖާ ކިޔަަވަމުންދާ ސްކޫލްގެ ހާއްސަ ކޮމެޓީއެއްގެ ސަމާލުކަަމަށް ގެނައުމުންނެވެ. އަދި އެކަންތައް އިތުރަށް ބެލުމުން އޭނާގެ ޓީޗަރަަށް އެނގުނުގޮތުގައި، އެ ކުއްޖާ ވަރަށް ގިނައިން ސްކޫލަށް ނާދެއެވެ. އަދި އެ ކުއްޖާ މެންޓަލީ މައްސަލަތަކެއް ހުރިކަންވެސް ޓީޗަރަށް ފާހަގަވިކަމަށް ޓީޗަރު ބުނެފައި ވެއެވެ.

އެންމެ ފަހުން އެ ކުއްޖާގެ މައްސަލަ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތައް ބަލަމުން އަންނަ ޗައިލްޑްލައިން އޮތޯރިޓީ އަށް އެންގިއެވެ. އަދި އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންދާކަން އެ ކުއްޖާ ވަނީ އޭނާއަށް ކައުންސިލިންގ ދެމުންގެންދިޔަ މީހާއަށް ކިޔާދީފައެވެ.

އެ މައްސަލައާ ގުޅިގެން އެ ކުއްޖާ މިހާރު ހުންނަނީ ކަމާއި ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައެވެ.

އިންޑިއާކީ ކުޑަކުދިން ރޭޕް ކުރުމުގައި ހައްދު ފަހަނައަޅާފައިވާ ގައުމެކެވެ.