ރަމަޟާން މަހަކީ ކާބޯތަކެތީގެ އަގުތައް ހެޔޮކުރަންވީ މައްސަރުކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެ އެވެ.
މީގެ އިތުރުން މި މައްސަރަކީ އެކުވެރިވެ އުޅެންވީ މައްސަރު ކަމަށާއި، ޤައުމުގެ މަސްލަހަތު ކުރިއަށް ނެރެ އެއްބައިވާންވީ މައްސަރުކަމަށްވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.
"ރަމަޟާން މަހަކީ އެކުވެރިވެ އުޅެންވީ މައްސަރު. ރޫޅިފައިވާ ސަފުތައް އެއްވާންވީ މައްސަރު. ޤައުމުގެ މަޞްލަޙަތު ކުރިއަށްނެރެ މަސައްކަތް ކުރަންވީ މައްސަރު. ކިލަނބުވެފައިވާ ހިތްތައް އެކުވެރިކުރަންވީ މައްސަރު. ޤައުމުގައިވާ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާންވީ މައްސަރު. ކާބޯތަކެތީގެ އަގުތައް އެހެން މައްސަރުތަކަށްވުރެ ހެޔޮކުރަންވީ މައްސަރު." މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ މިއީ ތަޢުބާގެ މައްސަރު ކަމަށާއި، ތިބާއަށް ކުރެވިފައިވާ ފާފަތަކާއި މެދު ދެރަވެ، ހިތާމަކޮށް، އެކަންކަމަށް ތަޢުބާވުން އަވަސްކުރަންވީ މައްސަރު ކަމަށެވެ.
ހަމައެހެންމެ، މި މައްސަރުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދެންޖެހޭ ކަމަށާއި، ވެރިން ރައްޔިތުންނަށް، މަސްޢޫލުވެރިން އެމީހުންގެ މުވައްޒަފުންނަށް، މުދައްރިސުން ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
"ކަންތައްތައް ރާވާ ހިނދު، ނަމާދު ވަގުތުތައް ފާއިތު ނުވާ ގޮތައް، އެކަންތައްތައް ރާވަން ޖެހެއެވެ. ފަރުޟު ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާން ޖެހެއެވެ. މިމަހުގައި އެކުވެރިކަމުގެ އާ ޞަފުޙާތަކެއް ހުޅުވާލުމަށާއި ރަމަޟާން މަހަށްފަހު، އެކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ." މިއަދު ޚުޠުބާގައި ވިދާޅުވިއެވެ.