މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން އެބަ ހުރިކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

މުލީއާގޭގައި މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާއެކު ބޭއްވެވި މިބައްދަލު ކުރެއްވުމުގައި އެމްއެންޑީއެފްގެ ފަރާތުން މާލޭގައި ހުރި އެފަދަ ގުދަންތައް ބަލައި ދިރާސާ ކުރެއްވުމަށްފަހު މާލޭގައި ހުރި އެކިބާވަތުގެ މުދާ ގުދަންކުރާ ތަންތަނާބެހޭ ގޮތުން ވަރަށް ތަފުސީލީ މަޢުލޫމާތު ތަކެއް ހިއްސާ ކުރައްވާފައެވެ.

އެމްއެންޑީއެފްގެ ފަރާތުން ވިދާޅުވި، މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން އެބަ ހުރި ކަމަށެެވެ.

އަދި ރައީސް ވަނީ ލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައެވެ.

އެ ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ރޭ ހިނގާދިޔަ ހިތާމަވެރި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީފޯރުކޮށްދިނުމާއި އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ.

އަދި ރައީސް ވަނީ ރޭގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްދާ ގޮތް އޮޅުން ފިލުއްވައި އެމީހުންގެ ނިދުމާއި ކެއިންބުއިމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާގޮތުގެ މައުލޫމާތު އޮޅުން ފިލުއްވާފައެވެ. މިގޮތުން ހާލުގައި ޖެހުނު އާއިލާތަކުގައި ތިބި ކިޔަވާ ކުދިންނަށް މާދަމާ ސްކޫލަށް ދެވޭވަރަށް ކަންކަން ހަމަޖެއްސެވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފައިވެއެވެ.

ރޭގެ ހާދިސާއާއި ގުޅިގެން މީހުން ހުސްކުރެވިފައިވާ 43 ގޭގެ ހާލަތު ވަޒަންކުރުމަށްޓަކާ އިންޖިނިއަރިންގ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

އަދި އެގެތަކަށް މީހުން ވަނުމުގެ ހުއްދަ ދެއްވާނީ އެ ގެތަކުގެ ހާލަތު ވަޒަންކޮށް ސާފުކުރުމަށްފަހުގައި ކަމަށްވެސް އެސެންޓަރުން ހާމަކުރައްވާފައިވެއެވެ.